ނަރުހުންގެ ގޮތުގައި މަސައްކަތްކުރުމުގެ ޤަވާއިދާއި ހިލާފުވެފައިވާތީވެ، މޯލްޑިވްސްނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ރައްޔިތެއްކަމުގައިވާ މާވިން އެސް ވައި ވާގަސް އާއި ހަލީމަތު ލަމްހާގެ ނަރުސްކަމުގެ ހުއްދަ ބާތިލްކޮށް އެ ކައުންސިލްގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އެދެމީހުންގެ ނަން އުނިކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ، މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓާޑް ނާސްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފިލިޕީންސްގެ ރައްޔިތެއްކަމުގައިވާ މާވިން އެސް ވައި ވާގަސްގެ ( ޕާސްޕޯޓު ނަންބަރު: P4693871B ރެޖިސްޓާޑް ނާސް3288 TMP) ގެ މައްޗައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަތަރެއް ޖަނަވަރީ 2022 ވަަނަ ދުވަހު ގަސްދުގައި މީހަކު މެރި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަން އެ ކައުންސިލަށް މަޢުލޫމާތުދީފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ، މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓާޑް ނާސްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން (ID A224162 މާފިނި/ ޅ. ހިންނަވަރު ރެޖިސްޓަރޑް ނާސް،2245 PMT) ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަތަރެއް ޖަނަވަރީ2022 ވަނަ ދުވަހު ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، އެހެންމީހެއްގެ މުދަލެއްގެ މައްޗައް ހުއްދަނޫންގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.
އެހެންކަމުން، އެ ކައުންސިލުން ވަނީ މާވިން އާއި ލަމްހާ އަށް ދޫކޮށްފައިވާ ނަރުސްކަމުގެ ހުއްދަ އަދި ރެޖިސްޓްރޭޝަން ބާތިލްކޮށްފައެވެ. އަދި އެ ކައުންސިލްގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް ނަން އުނިކޮށްފައިވާ ކަން އަންގާފައިވެއެވެ.
އޮކްޓޯބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މޭރީ ދަންޖެހުނު ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މާވިން އެވެ. އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރި މޭރީ މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ ފިރިމީހާ ބުނިނަމަވެސް ފުލުހުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ އޮތީ މަރާލާފައިކަމެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި މޭރީ މަރާލުމުގައި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ވަނީ އޭނާ އަށް އެހީތެރިވެދީފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް