ތިލަމާލެ ބްރިޖް އެޅުމުގެ ކުރިން، އެސަރަހައްދުގެ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރަންޖެހޭ މުހިއްމު ސާވޭއެއް ކުރިއަށްދާތީ އެ ސަރަހައްދަށް މޫދަށް އެރިއުޅުން މާނަކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިލި އިރު ދެކުނު ކަންމައްޗާއި، ވިލިނގިލި ދެކުނުފަރާތުގެ މޫދާއި، ވިލިނގިލި ހުޅަނގު ދެކުނު ކަންމަތިން ފެށިގެން ގުޅީފަޅު އިރުދެކުނު ކަންމައްޗާއި، އަދި ގުޅީފަޅު ހުޅަނގު ދެކުނު ފަރާތުން ފެށިގެން ތިލަފުށީއިރު ދެކުނު ކަންމައްޗަށް އެއްވެސް ބޭނުމަކަށް މޫދަށް އެރުމަކީ މިވަގުތު ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެމިނިސްޓްރީން ވަކި ގޮތައް އަންގަންދެން އެ ސަރަހައްދަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި އެސަރަހައްދު މޫދަށް އެރި އުޅުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
މާލެ ތިލަފުށި ލިންކްގެ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ކުރުމަށްވެސް ވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބަންދުކޮށްފައެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތަށް ހުސްކޮށްފައިވަނީ ސިފައިންގެ ކަޅުތުއްކަލާ ކޮށި ކުރިމަތިން އޮންނަ ބިމާއި ޖެހިގެން އޮތް ބިމެވެ. އަދި އިންޑަސްޓްރިއަލްވިލެޖް ސަރަހައްދުގައި އޮންނަ ވެމްކޯ ސައިޓާއި ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދާ ދެމެދުގައި އޮންނަ މަގުގެ އެއް ބަޔާއި އެ މަގާ ޖެހިގެން އެތެރެ އަށް އޮންނަމަގު ވެސް ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް