ދިވެހިރާއްޖެއާ ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވްޝަގްލޫގެ ދަތުރުފުޅުގެ ތެރެއިން މިއަދު މި އެއްބަސްވުމުގައި ސޮއެކުރެއްވީ ތުރުކީވިލާތުގެ ފަރާތުން މިނިސްޓަރ ޝަވްޝަގްލޫއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ އުސްތާޛު ފައްޔާޒް އިސްމާއިލް އެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ވަކިން ޚާއްސަކޮށް ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއަރތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.
މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމަކީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް