ރާއްޖެއާއި ތުރުކީ އާ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ވިޔަފާރި އާއި ޘަގާފަތާއި ތަރިކަ، ތިމާވެށި، ދަނޑުވެރިކަން އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ތުރުކީގެ ޑިޕްލޮމެސީ އެކަޑަމީ އާއެއްކޮށް ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މިއަދުގެ މަޝްވަރާތައް ފެށުމުގެ ކުރުން ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރަައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުން އޮތީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ. ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ މެހެމާނުން ސޮއެ ކުރައްވާ ފޮތުގައި ސޮއެ ކުރައްވާ، ފޮރިން މިނިސްޓްރީ ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް