އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅެމުން އަންނަ ސްޕެއިން ވިންގާ އެޑަމާ ޓްރައޯރޭ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.
އެޑަމާ ޓްރައޯރޭ ބާސެލޯނާއަށް ބަދަލުވީ ލޯނު އުސޫލުން 30 މިލިއަން ޔޫރޯގެ އަގަކަށް މި ސީޒަނުގެ ނިޔަލަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޓްރައޯރޭ ލޯނެއްގެ ދަށުން ބާސާއަށް ބަދަލުވި ނަމަވެސް ލޯނުގެ މުއްދަތު ހަމަވުމުން އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭނެކަމަށްވެސް އެއްބަސްވުމުގައި ވެއެވެ.
ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އެޑަމާ ޓްރައޯރޭ ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ކަމަށް ބާސެލޯނާއިން ވަނީ ބުނެފައެވެ.
މީގެ ކުރިން ޓްރައޯރޭ ހޯދުމަށް ޓޮޓެންހަމް އާއި ނިއުކާސަލް އިން ވެސް މަސައްކަތް ކޮށްފައިވެއެވެ.
ޓްރައޯރޭ ވަނީ މީގެ ކުރިން ވެސް 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ބާސާއަށް ކުޅެފައެވެ. ނަމަވެސް އޭރު އޭނާ ބާސާގައި ހޭދަކުރި ދެ ސީނަމުގައިވެސް ބާސާގެ ޖާޒީގައި ކުޅެފައިވަނީ އެންމެ މެޗެކެވެ.
ޓްރައޯރޭ ވުލްވްސް އާއި ގުޅުނީ މިޑިލްބަރާއިން 2018 ވަނަ އަހަރު ހޫނު މޫސުމުގައެވެ. ވުލްވްސް އާއި އެކު ޓްރައޯރޭ މިހާތަނަށް ހަތަރު ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 153 މެޗުގައި 11 ގޯލު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް