ރާއްޖޭގެ ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ނިންމަން ކަމަށެވެ. އަދި މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ބާއްވަން ކަމަށެވެ.
" މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ބާއްވަން. ރައީސް ޔާމީން ގައިގައި ދެން އަތް ނުލެވޭނެ" ރައީސް ޔާމީން ޖަލަށް އަނބުރާ ވަޑައިގަންނަވަން ޖެހޭނެ ކަމަށް އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުންގެ އިހުސާސްތައް ދަންނަ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށާއި ރައްޔިތުން ބޭނުންވާ ހެޔޮ ގޮތް ގެނެސްދޭނީ ވެސް ޕީޕީއެމްއިން ކަމަށް ވެސް ތަކުރާރުކޮށް އަދުރޭ ވިދާޅުވިއެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި އެމަނިކުފާނަށް ހުކުމް އިއްވުން އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް