ގިޔާސުއްދީން ސްކޫލްގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
ގިޔާސުއްދީންގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޮއި ކުރައްވާ ބެލެނިވެރިންނަށް މިދިޔަ ބުދަ ދުވަހު ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭނީ ގްރޭޑް 10 ގެ ދަރިވަރުންނަށް އެކަނި ކަމަށެވެ. ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ޓަކައި ނުވަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ.
އެ ސްކޫލްގެ މި ނިންމުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކިޔަވައިދިނުމަށް އެ ސްކޫލަށް އަންގާފައި އެވެ.
މި އެންގުމާއި ގުޅިގެން އެ ސްކޫލުން ބުނީ އޮންލައިން ކްލާސްތަކަށް ބަދަލުކުރުމަށް ވަގުތީ ގޮތުން ނިންމީ، ސްކޫލުގެ އިސް މެނޭޖްމަންޓާއި އެގްޒެކިއުޓިވް މެނޭޖްމަންޓް އަދި ބެލެނިވެރިންގެ ބަންދޫބުން ހިމެނޭ ސްކޫލުގެ ރީއޯޕެނިން ކޮމިޓީގެ އިއްތިފާގުން ކަމަށެވެ. އަދި އެ ގޮތަށް ސްކޫލުން ނިންމާފައި ވީނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ނިންމުން ބާތިލު ކޮށްފައިވާ ކަމަށެވެ.
ގިޔާސުއްދީނުން ބުނީ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާވެސް އެ ސްކޫލްގައި ކިޔަވައިދޭނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކްލާސްރޫމުގައި ކަމަށެވެ. އަދި އޮންލައިންކޮށް ކްލާސްތައް ހިންގަން ބޭނުންވާ ނަމަ އެކަމަށް އެޑިއުކޭޝަން މިނިސްޓްރީގައި ރެޖިސްޓްރީ ވުމަށް އަންގާފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގިޔާސުއްދީން ސްކޫލުން ބުނީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކޯވިޑް ކޭސްތަކުގެ ކޮންޓެކްޓުގެ ގޮތުގައި އެ ސްކޫލުގެ 13 މުވައްޒަފަކާއި 17 ދަރިވަރަކު ކަރަންޓީންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މިހާތަނަށް ދެ މުވައްޒަފަކާއި ދަރިވަރަކު ވެސް ކޯވިޑަށް ޕޮޒިޓިވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް