އޭޑީކޭ ހޮސްޕިޓަލްގައި އޯޕީޑީ އޮންލައިންކޮށް، ބަލިމީހުން އެޑްމިޓް ކުރުން ހުއްޓާލައިފި

އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލައިފި އެވެ. މިގޮތަށް ނިންމާފައިވަނީ މިދިޔަ ހަފްތާގައިި އެ ހޮސްޕިޓަލްގެ އައިސީޔޫއިން ކޯވިޑް ކޭސްތަކެއް ފެނި މުވައްޒަފުންތަކެއް ކަރަންޓީން ކޮށްފަ...

30 Jan 2021 | 10:58

އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ މިދިޔަ ހަފްތާގައިި އެ ހޮސްޕިޓަލްގެ އައިސީޔޫއިން ކޯވިޑް ކޭސްތަކެއް ފެނި މުވައްޒަފުންތަކެއް ކަރަންޓީން ކޮށްފައިވަނިކޮށެވެ. އައިސީޔޫއިން ޕޮސިޓިވްވެފައިވަނީ އެ ތަނަށް ފަރުވާ ދޭން ގެންދިޔަ މީހެކެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށްޓަކައި ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލައި އެ ހޮސްޕިޓަލުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން މިވަގުތު ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ތިބެން ޖެހިފައިވާތީ ހޮސްޕިޓަލުންދޭ ބައެއް ހިދުމަތްތަކަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރޭގައި ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލުން، މިހާރު އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ޒިޔާރަތް ކުރުން މަނާ ކުރުން ހިމެނެ އެވެ. އަދި ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަން އޮންލައިންކޮށް ދޭން ފެށުމާއި އިލެކްޓިވް ސާޖަރީތައް ކުރުން ހުއްޓާލުން ހިމެނެ އެވެ.

އޭޑީކޭއިން ވަނީ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިޔުމަށަށް އިލްތިމާސްކޮށްފައި އެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެދިފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ދަނީ އޮންލައިން ފްލޫ ކްލިނިކް ހިންގަމުން ނެވެ. އަދި ފަހުން ހާލަތު ގޯސްވާން ފެށުމުން އޯޕީޑ ކޮންސަލްޓޭޝަންވެސް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް