ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާ އޮންނާނެ އެވެ.
މި ދައުވާ އޭނާ އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ދައުލަތުންނެވެ. މާދަމާ ބާއްވާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައި އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.
އަދުރޭގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ހ.ގެ ތިން ވަނަ ނަމްބަރާއި ހަވާލާދީ އެ މާއްދާގެ ނ. ށ. ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން އޭނާ އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މި މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސާވިސް (ޑިޖޭއޭ) އިންނެވެ.
އަދުރޭ ހަޑިހުތު ބަހުން ވާހަކަދެއްކެވީ 28 ނޮވެމްބަރު 2019 ގައި ކްރިމިނަލް ކޯޓު ބޭރުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އެދުވަހު ދެއްކެވި ވާހަކައިގަ އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށެވެ.
ޑީޖޭއޭއިން ސިފަކޮށްފައިވަނީ އަދުރޭގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް