އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ފ. ނިލަންދޫއަށް ދަތުރު ކުރި މީހާ ކޯވިޑް-19 އަށް ޕޮސިޓިވްކަން އެނގުމުން އެ ރަށުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވީ އެމީހާގެ އިހުމާލުކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެމީހާ ނިލަންދޫއަށް ދިޔައީ އީޕީއޭގެ ފަރާތުން ސާވޭއެއް ކުރުމަށް ހަތަރު މީހުންގެ ޓީމަކާއެކު އެވެ. އޭނާ ޕޮސިޓިވްކަން އެނގުނީ އެ ރަށުން މާލެ އައި ފަހުންނެވެ.
އެ ރަށުގައިި ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން އަންގައި ކޮންޓެކްޓުވި މީހުން ކަރަންޓިން ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮސިޓިވްވި މީހާގެ ކޮންޓެކްޓުންނާއި ދިޔަ ތަންތަނުގެ މައުލޫމާތު އެޗްޕީއޭއާއި ހިއްސާ ކުރި އިރު ނިލަންދޫއަށް ދަތުރު ކުރި ވާހަކަ އޭނާ ބުނެފައި ނުވާ ކަމަށެވެ. އެމީހާ ނިލަންދޫއަށް ދިޔަކަން އެޗްޕީއޭއަށް އެނގުނީ އެ ރަށު ކައުންސިލުން އެކަން އެންގުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެމީހާ ކޯވިޑަށް ޕޮސިޓިވްވިކަން ނިލަންދޫ ކައުންސިލަށް އެންގީ އީޕީއޭއިން ކަމަށް އެ ރަށު ކައުންސިލާއި ހަވާލާދީ ޑރ. ނަޒްލާ ވިދާޅުވި އެވެ.
މި ކޭސްއާއި ގުޅިގެން އީޕީއޭގެ މުވައްޒަފާއި ޑައިރެކްޓު ކޮންޓެކްޓުވި 30 މީހުން 10 ގެއެއްގައި ވަނީ ކަރަންޓިންކޮށްފައި އެވެ. އެކަމަކު އެ ރަށް އޮތީ އާންމު ހާލަތުގައި އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން ގުޅުން ނެތް ބަޔަކު ޕޮސިޓިވްވެފައިވާކަން ފާހަގަ ވެއްޖެ ނަމަ ރަށުގައި ބަލި ފެތުރެމުންދާކަމަށް ކަނޑައަޅައި މޮނިޓަރިންއަށް ލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް