2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ބަލާއިރު 2016 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތަގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި މިއީ 2015ވަނަ އަހަރާއި އަޅާބަލާއިރު %10 ނުވަތަ 226 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމުގައި ދިރާގުން ހާމަކޮށްފި އެވެ.
ދިރާގުން މައުލޫމާތުދޭގޮތުގައި 2016 ވަނަ އަހަރުގެ ފަހު ކުއަރޓަރއަށް ބަލާއިރު އާމްދަނީގެ ގޮތުގައި 643 މިލިއަން ރުފިޔާ އަދި ސާފުފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2015 ވަނަ އަހަރުގެ ފަހު ކުއަރޓަރ އާއި އަޅާ ބަލާއިރު ސާފު ފައިދާ މިވަނީ %15 އިތުރުވެފައެވެ.
2016 ވަނައަހަރު ސާފުފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2015 އާއި އަޅާ ބަލާއިރު މިއީ 16%ގެ ކުރިއެރުމެއް ކަމުގައިވެސް ދިރާގުން ހާމަކުރެ އެވެ.
"2016 ވަނަ އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބުނު ރަނގަޅު ކާމިޔާބީގެ ފަހަތުގައިވަނީ އަހަރުތެރޭގައި ކުންފުނީގެ ތްރީޖީ، ފޯޖީ އަދި ފައިބަރ ނެޓްވާރކް ހަރުދަނާ ކުރުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓްތަކާއި ކަސްޓަމަރުންގެ ބޭނުންތަކާއި ގުޅޭގޮތަށް ފެކެޖްތައް ފަރުމާކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. ކަސްޓަމަރުން އެންމެ ބޭނުންވާ ހިދުމަތްތައް ކަމަށްވާ އިންޓަނެޓުގެ ހިދުމަތްތައް (3ޖީ އަދި 4ޖީގެ އިތުރުން) ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތްތައްވެސް މިވަނީ އެތައްގުނައަކަށް ފުޅައުކޮށް ފުރިހަމަ ކުރެވިފައެވެ. އަދި މިހާރުވެސް ދިރާގުން ދަނީ ދިރާގުގެ ނެޓްވާކާއި އިތުރު ހިދުމަތްތައް ކުރިއެރުވުމުގެ މަސައްކަތައް ކެންޑިނޭޅި ކުރަމުންނެވެ. " ދިރާގުން ބުނެ އެވެ.
ދިރާގުން އިތުރަށް ބުނެފައިވަނީ 2016 ކުއަޓަރގެ ތެރޭގައި ކުރުވުނު މުހިންމު ސީ.އެސް.އާރް ހަރަކާތްތަކުގެ ތެރޭގައި ދިރާގު މޯލްޑިވްސް ރޯޑްރޭސް، ދިރާގު ސްޕެޝަލް ސްޕޯޓްސްމީޓް އަދި ކުޑަކުދިންނަށާއި ހާއްސާ އެހީއަށް ބޭނުންވާ އެކި ފަރާތްތަކަށް އެހީވުމުގެ ގޮތުން އެކި ޖަމިއްޔާތަކާއި އެކު މަސައްކަތްކުރުން ހިމެނޭ ކަމަށާއި އަދި ޕާރލޭއާއި ބީމްއާއި ގުޅިގެން ޕްލާސްޓިކް ކޮތަޅާއި ފުޅި ބޭނުންކުރުން މަދުކުރުމުގެ އަޒުމުގައި ލޯންޗްކުރެވުނު "ފޮރ ދަ އޯޝަންސް" އަކީ އަހަރު ތެރޭގައި ލޯންޗްކުރެވުނު އެންމެ މުހިންމު އެއް ހަރަކާތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް