މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުނިކުތުމަށް އއ މަތިވެރި ސްކޫލުގެ ޕްރީ ސްކޫލު ޓީޗަރެއް ކަމުގައިވާ އާއިޝަތު ޝުޒީއަށް އަންގާފައިވާއިރު، މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން ސިވިލް ސާވިސް ގަވާއިދު މަނާ ނުކުރާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކުރީން ބުނެފައިވާ ލިޔުމެއް ދުވަހަށް ލިބިއްޖެ އެވެ.
އެ ލިޔުމަކީ އަމިއްލަ ފަރާތަކުން 2014 ވަނަ އަހަރު އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގެ ޖަވާބެވެ. އެ ޖަވާބުގައި އެ ކޮމިޝަނުން ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް ސިވިލް ސާވިސް ގަވާއިދު މަނާ ނުކުރާ ކަމަށެވެ.
"މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދު މަނައެއް ނުކުރެ އެވެ. ނަމަވެސް މަސައްކަތުގެ ބާވަތުން ހިދުމަތް އެއްމެ ފުރިހަމަ ގޮތުގައި ފޯރުކޮށްނުދެވޭނަމަ، އެހެން އިންތިޒާމް ހަމަޖެއްސުމަކަށް ސިވިލް ސާވިސް ގަވާއިދު މަނައެއް ނުކުރެ އެވެ." އަމިއްލަ ފަރާތަކުން ފޮނުވި ސިޓީއެއްގެ ޖަވާބުގައި ސިވިލް ސާވިސް އިން ދީފައިވާ ޖަވާބުގައި ވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިހެން ބުނެފައިވާއިރު ސިވިލް ސާވިސްގެ ގަވާއިދާއި ހަވާލާދީ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކަމުގައިވާނަމަ ކާކުކަން އެނގޭފަދަ ގޮތަކަށް އައުމަށް އާއިޝަތު ޝުޒީއަށް އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އއ މަތިވެރި ސްކޫލަށް ވަނީ އަންގައިފަ އެވެ. އަދި އެ އެންގުމާއި އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ، އާއިޝަތު ޝުޒީއަށް ވަނީ އެކަން އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް