ހުޅުމާލޭގައި އޮންނަ ބޮޑު ފެންގަނޑެއްގެ ސަބަބުން މުޅި ރަށުތެރޭގައި މަދިރި ގިނަވެ އޭގެ އުނދަގޫ އާންމުންނަށް ވާން ފަށައިފި އެވެ.
މި ފެންގަނޑު އޮންނަނީ ހުޅުމާލޭގައި އިމާރާތް ކުރަުންދާ ޓްރީޓޮޕް ހޮސްޕިޓަލްގެ ބިއްދޮށުގައި އެވެ. އެ ސަރަހައްދުގައި ގިނަ ފްލެޓުތަކެއް އިމާރާތް ކުރަމުންދާއިރު އެ މަގުން ފެން ނުހިނދޭތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. އަދި ފެންގަނޑު އެހާ ގިނަ ދުވަސްވަންދެން ނުހިނދި އޮތުމުގެ ސަބަބުން މަދިރިފަނި އާލާވެ މުޅި ސަރަހައްދު ވަނީ މަދިރި ހާއްޔަކަށްވެފައި އެވެ.
އެމަގަކީ އާންމުކޮށް މީހުން ހިނގާބިނގާވެ ނޫޅޭ މަގަކަށްވިޔަސް ފެރީ ޓާމިނަލްއަށް ސައިލުގައި ދާ މީހުން އާންމުކޮށް މަގު ކުރުކޮށްލަން ދަނީ އެމަގުންނެވެ. އެގޮތަށް ދަތުރު ކުރާ މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ ފެންގަނޑު ނުހިނދި އޮންނަތާ މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. އަދި ފެންގަނޑުގައި މަދިރިފަނި އާލާވެ ގިނަވުމުގެ ސަބަބުން ސައިކަލުގައި ދުއްވާފައި ދާއިރުވެސް ފެންގަނޑުގެ ތެރެއިން މަދިރިފަނިތައް ފެންނަ ކަމަށެވެ.
"އެ ފެންގަނޑެއް ނުހިނދޭ. މިހާރު ވާރޭ މިވެހެނީ ވަރަށް ގިނަ ދުވަހު ނުވެހި އޮވެއޮވެފަ. އޭރުވެސް ފެންގަނޑު އޮވޭ. ގަބޫލު ކުރެވޭގޮތުގައި މިއީ އެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ފްލެޓުތަކުންން ދޫކުރާ ފެން،" އޭނާ ބުންޏެވެ.
އެ ފެންގަނޑު ހެދިފައިވާ ސަރަހައްދު ގާތްގަނޑަކަށް ފުޓުބޯޅަ ދަނޑަކަށްވުރެ ކުޑައެއް ނުވާނެ އެވެ.
އެހެން މީހަކު ބުނީ މުޅި ހުޅުމާލޭގައިވެސް މަދިރީގެ އުނދަގޫ މިފަހަކަށް އައިސް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އާންމު ހިދުމަތްތައް ހޯދާ ހޮސްޕިޓަލާއި ބޭންކު އަދި އެޗްޑީސީ އޮފީސް ހިމެނޭ ސަރަހައްދުގައިވެސް މަދިރީގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
" މިފަހަކަށް އައިސް މަދިރި ވަރަށް ގިނަ. އެންމެންނަށްވެސް އެނގޭ އެ ފެންގަނޑުގެ ސަބަބުންކަން މިހާ ގިނައިން މަދިރިއުޅެނީ. ހުޅުމާލޭ ހޮޮސްޕިޓަލަކީ އެސަރައްދާ އެހާ ކައިރި ތަނެއް ނޫން. އެކަމަކު ހޮސްޕިޓަލު ސަރަހައްދުގައިވެސް ހުސް މަދިރި،" ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިދިޔަ ހަފްތާގައި ވަނީ މާލެ އާއި އަތޮޅުތަކުގައި މި ދުވަސްވަރު ޑެންގީ ހުން ޖެހުން އިތުރުވެފައިވާ ކަމަށް ބުނެފައި އެވެ. ހުޅުމާލޭގެ ނަން ފާހަގަ ނުކުރި ނަމަވެސް އެޗްޕީއޭއިން ވަނީ ފެންހަރުލާ އެއްޗިއްސާ ފެންގަނޑުގަނޑު ހެދުނަ ނުދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައި އެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ޑެންގީ ޖެހުން އިތުރުވާތީ ޓީމުތަކުން ނުކުމެ މާލެއާއި ރަށްރަށުގައި މަދިރި އާލާވާތަންތަން ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ފަހަރުގައި އެ ފެންގަނޑު އެތާ އޮންނަކަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނުވަތަ އެޗްޕީއޭއަށް ނޭނގެނީ ކަމަށް ވެދާނެ އެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް އެޗްޑީސީގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބުނަނީ އެޗްޑީސީއަށް އެތަން ނުފެންނަ ނަމަ އެއީ މައްސަލައެއް ކަމަށެވެ. ފްލެޓުތަކާއި ގޭގެއިން މަގުމަތީގައި ފޮށިގަނޑެއް، ކޮތަޅެއް ކަހަލަ އެއްޗެސް ބަހައްޓާފައި ހުރޭތޯ ބަލަން އަބަދުވެސް މަގުތަކުގައި އެޗްޑީސީގެ ފަރާތުން ގާޑުން ހަރަކާތްތެރިވަމުން ދާއިރު އާންމުންނަށް އުނދަގޫވާ މި ފެންގަނޑު އެޗްޑީސީން ހިންދާލަން ޖެހޭ ކަމަށް އެމީހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް