އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައެއްގައި ހައްޔަރު ކުރި މީހާ، އޭނާ ފޭރިގަތް ފަށް މިހާރު ނެތް ކަމަށާއި ނަމަވެސް ގެއްލުމުގެ ބަދަލު ދޭނެކަމަށް ބުނެފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޭނާގެ ބަންދަށް އިއްޔެ 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާއިރު ބަންދު އަމުރުގެ އިތުރު ބަޔާނުގައެވެ.
މި މަހުގެ 19 ވަނަ ދުވަހު ހިނގި އެ ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިމާލެ، ފިޔަބަރި، އުމުރުން 30 އަހަރުގެ ހަސަން އިސާމް އެވެ.
ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށް ކަނޑައަޅާފައިވާކަމަށާއި އިސާމަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.
ތުހުމަތު ކުރަނީ މާލެ، އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުން ކަމަށާއި ހާދިސާ ހިނގާފައިވާގޮތަށް ބަލާއިރު އަނިޔާވެރިކަން ހިމެނޭކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.
ކުށަށް އިއުތިރާފްވާކަމަށް އިސާމް ބުނެފައިވާއިރު ފޭރުނު އެ ފަށް މިހާރު ނެތްކަމަށާއި ގެއްލުން ލިބުނު ފަރާތަށް ބަދަލުދޭން ތައްޔާރަށް ހުރި ކަމަށްވެސް އިސާމް ބުނެފައިވާކަމަށް ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް