ޤައުމު ތަރައްގީވަމުން އަންނަ ވަރަކަށް ޤައުމުގެ ދަރިންގެ ޒަރޫރީ ބޭނުންތައް ޤައުމުގެ ކާރުހާނާތަކުން އުފެއްދޭނެ ގޮތެއް ތަސައްވަރުކުރާ ވަގުތު އަދި ނުޖެހެނީބާއެވެ. އިގްތިސާދީ މައިނާރު ކަމުގައިވާ ފަތުރުވެރިކަމަށް ކޮންމެ ރިސޯޓަކަށް ރަށެއް އެއްކޮށް ހުސްކޮށްލާ އުސޫލުން އަންނައުނު ހެއްދުން ނުވަތަ ގޮދަން ހެއްދުމަށްޓަކައި ރަށެއް ހުސްނުކުރަންވީ ކީއްވެހެއްޔެވެ . ރާއްޖޭގައި ފެންޕްލާންޓަތަކުން އަދި ކައްކާ ގޭސްވެސް ރާއްޖޭގެ ކާރުހާނާތަކުން މިހާރު ލިބޭ ފަދައިން މި ދިވެހި ބިމުން ގޮދަނާއި ރާއްޖޭގެ ރައްޔިތިންނަށް ފުދޭ ވަރަށް ކާބޯތަކެތިނުއުފެއްދެންވީ ކީއްވެހެއްޔެވެ
26 އަތޮޅަށް ބެހިފައިވާ 1190 ރަށް ރާއްޖޭގައި އޮވެއެވެ. އޭގެތެރެއިން މީހުން އުޅެނީ ޖުމްލަ 200 ރަށުގައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި 164 ރަށަކީ ރިސޯޓުރަށްރަށެވެ. އެގޮތުން ސަރުކާރުގެ ތަފާތު ބޭނުންތަކަށް އިތުރު ރަށްތައް ބޭނުންކުރި ކަމުގައި ވިޔަސް އުފެއްދުންތެރިކަން އިތުރުކުރެވޭނެ ބިން ނެތޭ ބުނެވޭކަށްނެތެވެ. ދިވެހިރާއްޖޭގައި ދިވެހިންގެ ޒަރޫރީ ކަންތައްތަކަށް ކޮންމެހެން ބޭނުންކުރަން ޖެހޭ ތަކެތި ރާއްްޖޭގައި އުފައްދަން ފެށަން ވިސްނަންޖެހެއެވެ.
އެކަމަށްޓަކައި ފުރަތަމަ ކުރަންވީ ދިރާސާތަކެވެ. ކުދި ކުދިކޮށް ކުރެވޭތޯ ދިރާސާކޮށް، ވާނެ ކަމެއްކަމުގައިވާނަމަ ދެން އެވީ ތަސައްވަރު ކުރާށެވެ. މިކަންކަން މިގޮތަށް ވެއްޖެނަމަޤައުމުގެ އިޤްތިސާދަށާއި ދިވެހި ވިޔަފާފިވެރިންނަށާއި އާންމުމަންނަށް ބޮޑެތި ފުރުސަތު ތަކެއް ހުޅުވިގެންދާނެއެވެ. އަދި ވިހި ވަނަ ގަރުނުގައި މިފަދަ ކަމެއް ނުވުން ވާނީނާދިރުކަމަކަށް ނޫންތޯއެވެ. ރާއްޖޭގެ ފަސްގަނޑުގައި އެވަރު ނެތްނަމަ ބޭރުން މުދާ ކޮންމެ ފަހަރަކު ގެނައުމަށްވުރެ، ބޮޑު ހޭދައެއް ކޮށްގެން ކަމުގައިވިޔަސް މެޝިނަރީޒްތައްބެހެއްޓިއްޖެނަމަ މުސްތަޤުބަލުގައި ވާނީ ފައިދާ އެވެ.
އެފަދަ މަސައްކަތެއް ކުރެވެން ފެށިއްޖެނަމަ ދިވެހިން ލުމަށް އަންނައުނު ލިބޭނީ ރާއްޖެއިންނެވެ. ގޮދަނާއި ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ރާއްޖޭގެ އުފެއްދުންތައް ގޮތުގައި ލިބިގެންދާނެއެވެ. ކޮވިޑް ފަދަ ހާލަތެއް ކުރިމަތިވިޔަސް ޤައުމަށް އެތެރެެ ކުރެވޭ މިންވަރަށް ހުރަހެއް އަޔަސް ރާއްޖޭގެ ރައްޔިތުން ތިބޭނީ ފުދިގެންނެވެ. ރޯ މެޓީރިއަލްސް އުފެއްދޭނެ ގޮތް މިޤަރުނުގެ ޓެކްނޮލޮޖީގެ އެހީގައި ހޯދާ ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު މި މިންވަރަކަށް ކުޑަވެގެންދާނެއެވެ.
ހިއުމަން ރިސޯސް އަކީ ދެން އޮތް ވާހަކައެވެ. ޔަގީނުންވެސް ބުނެވޭނީ ރާއްޖޭގައި ވަޒީފާއަކަށް ނުދާ އެތައް ބަޔަކު ތިބިކަމެވެ. އުސޫލެއްގެ ދަށުން ކުރިޔަށް ގެންދެވޭނަމަމަސައްކަތް ކުރާނެ ބަޔަކު ހޯދުމަކީ ވެރިންނަށް އުނދަގޫ ކަމެއްކަމުގައި ނުވާނެކަމެވެ.
ޤައުމެއް ކުރިއަރާނީ އެޤައުމަކުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައި އެހެން ޤައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ދަށްކުރެވޭ ވަރަކުންނެވެ. ކޮންމެދާއިރާއަކުންވެސް މުަސްތަޤިއްލު ބައެއްގެ ގޮތުގައި އޮވެވުމުންނެވެ. ދިވެހި ސަރުކާރުން މިކަންކަމާމެދު މެދު ވިސްނާ ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ރާއްޖޭގެ ފަޅު ރަށްތައްދިވެހިންނަށްޓަކައި ދިވެހި އިޤްތިސާދަށްޓަކައި ފުދުންތެރިކަމަށްޓަކަި ބޭނުން ކުރެވެންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް