މާލޭ މަގުތަކުން ކުނި ނަގާނީ މަސައްކަތް އަލުން ހަވާލު ކުރުމުން ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
މާލޭ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮތީ ވެމްކޯ އާއި އެވެ. އެކަމަކު އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވޭ ކަމަށް ބުނެ މިމަހުގެ26 ވަނަ ދުވަހު މުއްދަތު ހަމަވުމުން އެއްބަސްވުން އާކޮށްފައެއް ނުވެ އެވެ.
ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ވެމްކޯއިން މަގުމަތީގައި ހުންނަ ކުނި ނަގާނީ ކުރިން އަމަލު ކުރި ގޮތަށް އެއްބަސްވުމެއް ހެދުމުން ކަމަށެވެ. ސިރާޖު ވިދާޅުވީ ސިޓީ ކައުންސިލަށް މަގުމަތި ސާފު ނުކުރެވޭ ކަމަށް ވާނަމަ އެ ކުންފުންޏާއި ހަވާލު ކުރުމުން އެކަން ކުރަން މުވައްޒަފުން ތައްޔާރަށް ތިބި ކަމަށެވެ.
އެކުންފުނީގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިލޭ މަގުމަތީގައި ހުންނަ ކުނި ނަގައިދިނުމަކީ އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ސިރާޖު ވިދާޅުވީ އެ ކުންފުނީގެ ކަސްޓަމަރުން މަގުމައްޗަށް ކުނި ނުނެރޭނެ ކަމަށާއި ނެރެން ޖެހޭ ސަބަބެއްވެސް ނޯންނާނެ ކަމަށެވެ.
ރަޖިސްޓްރީކޮށްފައި ހުރި ގޭބީސީތަކުން ނެރޭ ކުނި ވެސް ވެމްކޯއިން ނުނަގާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ ސިރާޖު ވިދާޅުވީ ސިޓީ ކައުންސިލުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަންކަމަށެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މަގުތަކުން ކުނި ނެގުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ދެކިގެން ސިޓީ ކައުންސިލުން އެ މަސައްކަތް ފެށިޔަސް، އެ މަސައްކަތުން ބުރަކަން ސިޓީ ކައުންސިލަށް މިހާރު އެނގޭނެ އެވެ. އަދި އޭރު ވެމްކޯއިން ދިން ހިދުމަތް ރައްޔިތުންނަށް ވެސް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް