އެމްޑީޕީ ޕްރައިމަރީގައި 57،000 މީހުންނަށް ވޯޓު ލެވޭ، އެއީ މިމަހު 18 ގެ ކުރިން ރެޖިސްޓްރީވި މީހުން

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،000 މީހުންނަށް ވޯޓު ލެވޭ ކަމަށް އެ ޕާޓީން ބުނެފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ ޖެނުއަރީ 28 ގައި އެވެ. ޕްރައިމަރީގައި ވާދަ ކުރައްވަނ...

29 Dec 2022 | 11:54

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،000 މީހުންނަށް ވޯޓު ލެވޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ ޖެނުއަރީ 28 ގައި އެވެ. ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީން ބުނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ގޮތުގައި އެ ޕާޓީގެ ދަފްތަރުގެ ރެޖިސްޓްރީގައި ތިބީ 57،714 މީހުން ކަމަށެވެ. އެޕާޓީން ވަނީ ދާއިރާތައް ވަކިން އާންމުކޮށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލާފައި އެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު 4:00 އަަށެވެ.

ޕްރައިމަރީގެ ވަގުތު ކުޑަތަންވަމުން އަންނައިރު ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ ދަފްތަރު އޮތީ ގަޑުބަޑުވެފައި އެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

"ދުވަސް" މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ދަފްތަރުގައި މައްސަލައެއް ނޫޅޭނެ ކަމަށާއި ޕާޓީގެ ދަފްތަރުން އުނިކުރި 37،000 މީހުންނަކީ އިލެކްޝަންސް ކޮމިޝަނުގައި އޮތް އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ޕްރައިމަރީގައި ވޯޓު ލެވޭނީ ޕްރައިމަރީ އިއުލާނު ކުރި ދުވަސް ކަމަށްވާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އެމްޑީޕީއަށް ވަނުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ

އެ ތާރީހުގެ ކުރިން އަލަށް ގުޅުނު މީހުންގެ ފޯމުތައް އީސީއަށް ފޮނުވައިގެން އެމްޑީޕީގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރުން އުނިކުރި މީހުންގެ ތެރެއިން 225 މީހުންނަކީ، ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކޮށް އެކި ދާއިރާތަކަށް އިންތިހާބުވެފައި ތިބި މީހުންނެވެ. އަދި 17،000 އެއްހާ މީހުން އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތް އިރު 24،000އެއްހާ މީހުންނަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީގައި ނެތް މީހުން ކަމަށް އީސީ އާއި ހަވާލާދީ އެމްޑީޕީން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް