އަވަށްޓެރި އިންޑިއާގައި އުފައްދާފައިވާ "ޑޮކް-1 ޝިރަޕް" ބޭނުން ކުރި އުޒުބެކިސްތާނުގެ 18 ކުޑަކުދިން މަރުވެފައިވާ ކަމަށް އުޒުބެކިސްތާނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މި ކަމާއި ގުޅިގެން އުޒުބެކިސްތާނުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުނި މެރިއަން ބަޔޯޓެކް އިން އުފައްދާފައިވާ މި ޝިރަޕް 21 ކުޑަކުދިން ބޭނުން ކުރި 21 ކުދިންގެ ތެރެއިން 18 ކުދިން މަރުވެފައިކަމަށާއި މި ޝިރަޕް ބޭނުން ކޮށްފައިވަނީ ނޭވާލާ ނިޒާމުގެ ސީރިއަސް ބައްޔެއް ޖެހިފައިވާ 21 ކުދިން ކަމަށެވެ.
އިންޑިއާއިން ތައްޔާރުކޮށްފައިވާ މި ޝިރަޕް އަކީ ހުން އައުމާއި ރޯގާގެ އަލާމާތްތަކަށް ފަރުވާއެއްގެ ގޮތުގައި އެކުންފުނީގެ ވެބްސައިޓުގައި މާކެޓް ކުރާ އެއްޗެއް ކަމަށާއި މި ޝިރަޕް އަކީ އެތިލިން ގްލައިކޮލް ނަމަކަށް ކިޔާ ވިހަ މާއްދާއެއް އެކުލެވިގެން ވާ އެއްޗެއް ކަމަށް ވެސް އުޒުބެކިސްތާނުގެ ހެލްތް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެއެވެ.
އަދި މި ޝިރަޕް އުޒްބެކިސްތާނަށް އެތެރެކޮށްފައިވަނީ ގުރަމަކްސް މެޑިކަލް އިން ކަމަށާއި އަދި މި ޝިރަޕް ކުދިންނަށް ދިނީ އެ ޝިރަޕް ވިއްކި ފާމަސީތަކުގެ ފާމަސިސްޓުންގެ ލަފާގެ މަތިން ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އުޒުބެކިސްތާނުގެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ޝިރަޕް ބޭނުން ކުރި ކުދިންގެ ތެރެއިން މަރުވެފައިވަނީ ފާމަސިސްޓުން ފާހަގަކޮށްފައިވާ ޑޯޒަށްވުރެ މަތީ ޑޯޒެއް ބޭނުން ކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް އެކަން ހިނގީ އެގޮތައް ކަމެއް އަދި މިވަގުތު ދެނެގަނެވެން ނެތް ކަމަށެވެ.
އިންޑިއާގެ ބޭސް އުފައްދާ ކުންފުނި މެރިއަން ބަޔޯޓެކް، ގުރަމަކްސް މެޑިކަލް އަދި އިންޑިއާގެ ހެލްތު މިނިސްޓްރީން މިކަމާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އުޒްބެކިސްތާނުގެ ހެލްތު މިނިސްޓްރީން ބުނީ މިކަމަށް އިހުމާލުވި ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އަދި ބައެއް "ސްޕެޝަލިސްޓުން" އާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅުތައް ވެސް މިހާރު އަޅާފައިވާކަމަށެވެ.
އަދި ހުރިހާ އުޒުބެކިސްތާނުގެ ބޭސްފިހާރައަކުން ޑޮކް-1 މެކްސް ޓެބްލެޓްތަކާއި ޝިރަޕްތައް ވެސް ނައްތާލާފައިވާ ކަމަށް އެފަރާތުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް