ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ 59 އަހަރުގެ ސްވިޒަލޭންޑް ފިރިހެނެއް ކަމަށެވެ. މި އޮޕަރޭޝަން ހިންގީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ކަސްޓަމްސްއިން ބުނީ އެމީހާ އާއި ލަގެޖު ބަލާ ފާސް ކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުންނެވެ.
ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.1 ކިލޯ ހުއްޓެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ހަތް މިލިއަން ހަތް ލައްކަ ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
އެމީހާ އަތުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންނެވެ.
ކަސްޓަމްސްއިން ބުނީ އެމީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް