ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ދައްކައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަން ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓް ގެ ތެރެއިން 2000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނިންމާފައި ވަނީ އިންޑިއާގެ އެންބީސީސީ ކުންފުނިންނެވެ. އަދި އަނެއް 2000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ, އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެންބީސީސީ އަށް ދައްކާފައި ވަނީ 20.6 މިލިއަން ޑޮލަރެވެ. އަދި ޖޭއެމްސީއަށް ދައްކާފައިވަނީ, 19.5 މިލިއަން ޑޮލަރެވެ.
މި ދެ މަޝްރޫއު ކުރިއަށްދާއިރު މީގެ އިން ކޮންމެ މަޝްރޫޢެއްގައި 17 ބުރިއަށް އިމާރާތްކުރެވޭ 16 ޓަވަރު އިމާރާތް ކުރާނެއެވެ. އޭގެ ތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކަށް ޚާއްސަކުރެވިފައިވާ ޓަވަރުތަކާއި 3 ކޮޓަރީގެ ޔުނިޓްތަކަށް ޚާއްސަކުރެވިފައިވާ ޓަވަރުތައް ހުންނާނެއެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ޤާއިމް ކުރާނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް