މާވިން އާއި ލަމްހާއަށް ދައުވާ ކުރަން ފޮނުވައިފި

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައި ގައި އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މަ...

29 Dec 2021 | 15:18

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައި ގައި އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗައް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މޭރީ ގްރޭސްގެ މަރުގެ މައްސަލައި ގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމުގައެވެ. އެއީ އައިޖީއެމްއެޗް ގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައި ގައި މިހާރު ހައްޔަރުކޮށްފައި ތިބި ދެ މީހުން ނެވެ.

މީގެ އިތުރުން މި މައްސަލަ އާއި މެދު އަންނަ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ފުލުހުން ވަނީ މީގެ ކުރިން މާވިންގެ ލޯބިވެރިޔާ އައިޖީއެމްއެޗްގެ ނަރުހަކަށް އުޅޭ ހަލީމަތު ލަމްހާ 24އ ފޯނު ހިފަހައްޓައި ފައެވެ. އޭނާ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައިވެއެވެ.

އަދި މި މައްސަލައިގައި، ލަމްހާ ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަ މޭރީގެ މަރާއި އެކު މީޑިއާގައި ތިލަކުރީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަމުގެ ހަގީގަތް އެނގޭ މީހުންނެވެ.

ފުލުހުން ލަމްހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ހިމެނެއެވެ.

އަދި ކުށެއް ކުރަން އުޅުން، ކުށެއް ކުރުމަށް އެދުން، ކުށް ކުރުމަށް ރޭވުން، ކުށްކުރުމުގެ އާލާތް އަތުގައި ހުރުން، މަރެއް ފޮރުވުން އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ހިމެނެއެވެ.

މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނު ގޮތުގައި އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު ޒަހަމްތަކަކާއި ގުޅިގެންނެވެ.

މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ދަންޖެހިގެން މަރުވި ކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ފެންނަން ނެތުމުގެ އިތުރުން ދަންޖެހުނު ކަމަށް ބުނާ ތަން ފުލުހުން ދިއުމުގެ ކުރިން މާވިން ސާފު ކުރި ކަމަށް ބުނުމުންނެވެ. އަދި އެ ތަނަނީ މީހަކަށް ދަންޖެހެވޭ ގޮތަށް ހުރި ތަނަކަށް ނުވުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް