އައު ކޯޗެއްގެ އިރުޝާދާއި އެކުވެސް ޔުނައިޓެޑް ރަނގަޅު ފޯމަކަށް ނޭޅޭ ކަމަށާއި އަދިވެސް ޔުނައިޓެޑްގެ ކުޅުން ރަނގަޅު ނޫންކަމަށް އެޓީމުގެ ކުރީގެ ލެޖެންޑް ގެރީ ނެވިލް ބުނެފިއެވެ.
އެންމެ ފަހުން ލީގުގައި ނިއުކާސަލްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅެ 1-1 ގެ ނަތީޖާއިން އެއްވަރުވި މެޗަށް ފަހު ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ގެރީ ނެވިލް ބުނީ އައު ކޯޗަކާއި އެކުވެސް ޔުނައިޓެޑް ރަނގަޅު ފޯމަކަށް އެޅޭތަން ނުފެންނަ ކަމަށާއި ޔުނައިޓެޓްގެ ހާލަތު އޮތީ އަދިވެސް ކުރިން މަޤާމުން ވަކިކުރި އޮލިގަނަ ސޮލްޝެއަރގެ ދުވަސްވަރު އޮތް ހާލަތުގައި ކަމަށެވެ.
" އައު ކޯޗެއްގެ އިރުޝާދުތައްވެސް ދަނީ ލިބެމުން. އެހެން ނަމަވެސް އަދިވެސް ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގައެއް ނޫން. ރަނގަޅު ކުޅުމެއް ނުދެއްކޭ. މިހާރުވެސް އޮތީ އޮލޭގެ ދުވަސްވަރު އޮތް ހާލަތުގައި." ގެރީ ނެވިލް ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ޔުނައިޓެޑް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭކަމަށާއި އެގޮތުން މިވަގުތު ޔުނައިޓެޑް އޮތް ހާލަތުން އަރައިގަތުމަށް މިހާރަށް ވުރެ ރަނގަޅު ކޯޗެއްގެ އިރުޝާދު ބޭނުންވާކަމަށެވެ. ގެރީ ނެވިލް ބުނީ މައުރިއޯ ޕޮޗެޓީނޯ އަކީ ޔުނައިޓެޑް މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެކަށޭނަ ކޯޗެއްކަމަށާއި ޕޮޗެޓީނޯ އަކީ ޕްރިމިއާ ލީގު ރަނގަޅަށް ދަންނަ ލީގަށް ވަރަށް ރަނގަޅަށް ފިޓް ކޯޗެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ހޮވުމަކީ ޕޮޗެޓީނޯ ކަމަށްވެސް ގެރީ ނެވިލް ބުންޏެވެ.
ޔުނައިޓެޑުން ނެރެމުން ދިޔަ ދައް ނަތީޖާތަކުގެ ސަބަބުން ކުރިން އެޓީމުގެ ކޯޗު ކަމުގައި ހުރި އޮލެގަނަ ސޮލްޝެއަރ މަޤާމުން ވަކިކޮށް ވަގުތީ ގޮތުން ޓީމް ހަވާލުކުރީ މައިކަލް ކެރިކްއާއެވެ. ކެރިކްއަށް ފަހު މިހާރު ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަނީ ޖަރުމަނަށް ނިސްބަތްވާ ރަލްފް ރަންގްނިކްއެވެ. ރަންގްނިކްއާއި އެކުވެސް ޔުނައިޓެޑް އަށް މާ ބޮޑު ބަދަލުތަކެއް އަންނަމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ.
ރަންގްނިކްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަނެއް ދެމެޗުން ވީއެއްވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް