ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަަން ފަށަންވީ ވައުދު ރައީސް ސޯލިހު ފުއްދަވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ފަށަންވީ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުއްދަވައިފި އެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ގ...

29 Dec 2021 | 07:16

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ފަށަންވީ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުއްދަވައިފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އެއްވެސް މަސައްކަތެއް ނުފެށިވާ 39 ރަށެއްގައި އެ މަސައްކަތްތައް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ފެނާއި 16 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ  ރާއްޖޭގެ ހުރިހާ ރަށެއްގައި މި ސަރުކާރުން ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދު މިއަދު ފުއްދިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ވާނީ ގައިން ތާހިރުވެގެން ކަމަށް ވިދާޅުވާ ވާހަކަ އަދިވެސް ތަކުރާރު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފެނާ ނަރުދަމާގެ ނިޒާމާއެކީ ރާއްޖެ މިއަދު ފުރޮޅިގެން އަދި އިންގިލާބުވެގެން ދަނީ ތަރައްގީގެ މުޅިން އާ މަރުހަލާއަކަށް ކަމަށެވެ. އަދި މިއަދު އެ ނިޒާމް ގާއިމްކޮށްފައި ނުވާ ހުރިހާ ރަށެއްގައި އެ މަސައްކަތްކުރުމަށް ކޮންޓްރެކްޓް ހަވާލުކުރުމާއެކީ ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޔަގީންވެގެން ދިޔަ ކަމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.

މިއަދު ހަވާލު ކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 920 މިލިއަން ރުފިޔާ އެވެ.

މި ވެރިކަން ފެށުނުއިރު ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފައި އޮތީ އެންމެ 20 ޕަސެންޓް ރަށުގަ އެވެ. ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ޕަސެންޓު ރަށުގަ އެވެ.

ފެނާއ ނަރުދަމާގެ މަޝްރޫއުތައް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ ކުންފުނިތަކާ ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރެއިން 48 ރަށެއްގައި ނަރުދާމާގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި ފެނުގެ ހިދުމަތް ގާއިމްކުރުން 60 ރަށެއްގައި ހިނގަމުން އެބަދާ ކަމަށެވެ.

މި މަޝްރޫއުތައް ކުރިޔަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި އިންޑިއަން އެގްޒިމްގެ ކްރެޑިޓް ލައިން އަދި އޯޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ލޯން އެހީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް