ގއ. ގެމަނަފުށީގައި އެކި ދުވަސްމަތިން ސިހުރު ހަދަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތާއެކު ގެމަނަފުށިން 66 އަހަރުގެ އަންހެނަކު ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ގެމަނަފުށީ ގައި ސިހުރު ހަދަމުންދިޔަ އަންހެންމީހާ އާއި އެމީހާ ސިހުރު ހަދަން ބޭނުންކުރި ބައެއް ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
"ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ އަންހެންމީހާ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދާފައިވަނީ އަންހެން މީހާގެ ހާޒިރުގައި" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން ބުނީ ގެމަނަފުށީގައި މި އަންހެންމީހާ ސިހުރު ހަދަމުންދާ ކަމުގެ ޝަކުވާ އާއި ސިހުރު ހަދާނެކަމަށް ބުނެ ބިރުދައްކާކަމުގެ ޝަކުވާ ރަށުގެ ބައެއް މީހުންގެ ފަރާތުން ފުލުހުންނަށް ވަނީ އެކި ދުވަސްމަތިން ހުށަހެޅިފައި ވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރަން ހަތް ދުވަހުގެ ބަންދުގެ މުއްދަތު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް