ސަމާގެ ހިތުން ހިތަށް ޖަމުޢިއްޔާ ރަސްމީކޮށް އިފުތިތާހުކޮށްފި

މަރިޔަމް ސަމާ (ޓިކްޓޮކް) ސަމާގެ ހިތުން ހިތަށް ޖަމުޢިއްޔާ ރަސްމީކޮށް އިފުތިތާހްކޮށްފިއެވެ. ވިލާ ކޮލެޖް ޤާސިމް އިބްރާހިމް ކެމްޕަސްގެ އޯޝަންވިއު ހޯލްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހިތުން ހި...

29 Nov 2024 | 11:42

މަރިޔަމް ސަމާ (ޓިކްޓޮކް) ސަމާގެ ހިތުން ހިތަށް ޖަމުޢިއްޔާ ރަސްމީކޮށް އިފުތިތާހްކޮށްފިއެވެ.

ވިލާ ކޮލެޖް ޤާސިމް އިބްރާހިމް ކެމްޕަސްގެ އޯޝަންވިއު ހޯލްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހިތުން ހިތަށް ޖަމުޢިއްޔާ އިފުތިތާހްކޮށްދެއްވީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް އެވެ.

އެ ޖަމުޢިއްޔާ އިފުތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އައްފާލް ވިދާޅުވީ މިފަދަ އެންޖީއޯތަކުން އިސް ނަގައިގެން ގިނަ ބަޔަކު ބައިވެރިވެގެން ބަޔަކަށް އެހީތެރިވެދިނުމަކީ މުޖްތަމަޢަށް ދެވޭ ވަރަށް ރީތި މިސާލެއް ކަމަށާއި އެއީ ދީނީ ވަރަށް ރަނގަޅު އަހުލާޤެއް ކަމަށެވެ. އަދި މީހަކަށް މާލީ އެހީތެރިކަމެއް ލިބުމުމުގެ އިތުރުން މިފަދަ އަހުލާޤީ ރިވެތި ސިފަތައް މުޖްތަމައުގެ ތެރޭގައި ނެތެމުންދާ ދަނޑިވަޅެއްގައި މިފަދަ ކަންކަން ދިރުވުމަށްވެސް ކުރެވޭ މަސައްކަތްތަކެއްކަމުގައި އައްފާލް ފާހަގަކުރެއްވިއެވެ.

އިއްޔެގެ އެ ރަސްމިއްޔާތުގައި ހިތުން ހިތަށް ޖަމިއްޔާގެ ފައުންޑަރ އަދި ޗެއާޕާސަންގެ ހައިސިއްޔަތުން ސަމާވެސް ވާހަކަފުޅު ދެއްކެވިއެވެ. ސަމާގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ 10 ނޫނީ 12 އަހަރު ކުރިން ޔޫޓިއުބް ސަމާގެ ގޮތުގައި އެނގިގެންދިޔަ ސަމާ މިހާރު ޓިކްޓޮކް ސަމާގެ ގޮތުގައި ދިވެހިންނަށް އެނގޭއިރު އިއްޔެގެ އެ ރަސްމިއްޔާތުގައި އެ ހުންނެވީ ހިތުން ހިތަށް ޖަމުޢިއްޔާގެ ފައުންޑަރ އަދި ޗެއާޕާސަންގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓިކްޓޮކް އިންފްލުއެންސާއެއްގެ ގޮތުގައި ސަމާ ފެނިގެންދާއިރު ސަމާގެ ޚިދުމަތްތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވިގެންދާކަމާއި އަދި ސަމާގެ ހިތްވަރުން ހިތްވަރުލިބި މުޖްތަމަޢުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ އިސް ސަފަށް ގިނަ ބަޔަކު ނިކުތުމަކީ އުންމީދުކުރައްވާކަމެއް ކަމުގައި ސްޓޭޓް މިނިސްޓަރު ޒުހުރުބާން ވިދާޅުވިއެވެ.

ސަމާގެ ހިތުން ހިތަށް ޖަމުޢިއްޔާ އިއްޔެ ރަސްމީކޮށް އިފުތިތާހްކޮށްފައިވާއިރު ހިތުން ހިތަށް ވަކި ހަރަކާތެއްގެ ގޮތުގައި ސަމާ ފެށީ މުޖްތަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ހޯދައިދިނުމަށް ފެށި ހަރަކާތެއްގެ ގޮތުގައެވެ.

ޓިކްޓޮކްގައި ލައިވް އިވެންޓްސްތަކެއްގެ ގޮތުގައި އެހީ ހޯދައިދޭ ހަރަކާތްތަކެއް ފާއިތުވި ދެ އަހަރެއްހާ ދުވަހު މެދުކެނޑުމެއްނެތި ގެންގޮސް އެކި އާއިލާތަކަށް އެހީގެ ގޮތުގައި މިލިޔަނަކަށްވުރެ ގިނަ ފައިސާގެ އެހީ މިހާތަނަށް ސަމާގެ ހިތުން ހިތަށް ހަރަކާތުން ހޯދައިދީ އެތައް އާއިލާއެއްގެ ދިރިއުޅުން ބަދަލުކޮށްދީފައިވެއެވެ.

ނޮން-ގަވަރމަންޓަލް އޮރގަނައިޒޭޝަން (އެންޖީއޯ)އެއްގެ ގޮތުގައި ހިތުން ހިތަށް ރަޖިސްޓްރީވުމަކީ ސަމާ ދެކެމުން އަންނަ ހުވަފެނަށް އިތުރު ކުރިއެރުމެއް ލިބިގެންދިކަމެއް ކަމުގައި ސަމާ ކުރިން ފާހަގަކުރައްވާފައިވެއެވެ. އަދި ޖަމުޢިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިވާން ރަސްމީކޮށް ފެށުންވެގެންދާނީ ސަމާ މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ އިތުރު ހިތްވަރަކާއި ބާރަކަށް ކަމުގައިވެސް ސަމާ ފާހަގަކުރައްވާފައިވެއެވެ.

ހިތުން ހިތަށް ޖަމުޢިއްޔާ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭޑީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާންގެ އިތުރުން ބާރ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި އީކުއަލް ރައިޓްސް އިނީޝިއޭޓިވްގެ ޗެއަރޕާސަން ޑރ. މަރިޔަމް ޖަބީން، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރ ޝިފްލާ އިބްރާހިމް އާއި ޚާއްސަ ބައިވެރިއެއްގެ ގޮތުގައި ޒިޔާމް ބައިވެރިވެޑައިގެންނެވިއެވެ. އަދި ސަމާގެ ހިތުން ހިތަށް ޕްރޮގްރާމްތަކުން އެހީތެރިކަން ލިބިފައިވާ ބައެއް އާއިލާތަކުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް