ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭ ގައި މިރޭ ކުޅުނު ފަހު މެޗުތަކުން މޮޅުވެ ނެދަލެންޑްސް އާއި ސެނެގާލް ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ނެދަލެންޑްސް ކުޅުނު މެޗުން ގަތަރުގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، 7 ޕޮއިންޓާއެކު އެ ޓީމު ގްރޫޕް ސްޓޭޖް ނިންމާލީ ގްރޫޕްގެ އެއް ވަނަ ކަށަވަރު ކޮށްގެންނެވެ. އެހެންކަމުން އެ ޓީމަށް ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން 2 ވަނަ ލިބޭ ޓީމަކާއެވެ.
ސެނެގާލް އިން 2-1 ގެ ނަތީޖާއިން އެކުއެޑޯ ބަލިކުރިއިރު، އެ ޓީމު ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދާ ޓީމަކާއެވެ.
ކުރިން ވެސް ބެލެވުނު ފަދައިން ނެދަލެންޑްސް އިން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު، ގަތަރު ޓީމަށް ފުރަތަމަ ހާފުގައި ކުރެވުނު ވަރަކީ، ދުރުން ދެތިން ހަމަލާއެއް ފޮނުވާލުމެވެ. އެ ހަމަލާތައް ނުރައްކާ ނުވިއިރު، ނެދަލެންޑްސް އިން ފުރަތަމަ ހާފު ނިންމާލީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ 26 ވަނަ މިނިޓުގައި މި ލަނޑު ކާމިޔާބު ކުރީ ކޯޑީ ގަކްޕޯ އެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި 3 ވަނަ ލަނޑެވެ.
ނެދަލެންޑްސް އިން މެޗުގައި ޖެހި 2 ވަނަ ލަނޑު 2 ވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ފްރެންކީ ޑިޔޯން އެވެ.
ސެނެގާލް މެޗުގައި އެ ޓީމުން އެކުއެޑޯގެ މައްޗަށް ފުރަތަމަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ސާރ އެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 67 ވަނަ މިނިޓުގައި ކައިސެޑޯ ޖެހި ލަނޑު އެކުއެޑޯ ނަތީޖާ ހަމަހަމަކޮށްލިއެވެ. އަދި އެ ނަތީޖާއިން އެކުއެޑޯއަށް 2 ވަނަ ބުރުގެ ޖާގަ ލިބޭނެކަން އެނގޭތީ އެ ޓީމުން ވަރަށް ބޮޑަށް އުފާފާޅު ވެސް ކުރިއެވެ. އެހެނަސް، އޭގެ ދެތިން މިނިޓު ފަހުން ސެނެގާލްގެ ކޮލިބެލީ ޖެހި ލަނޑުން އަނެއްކާ ވެސް ސެނެގާލް ލީޑު ނެގިއެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކޮށްލުމަށް އެކުއެޑޯއިން ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތާ ވަކިވާން ޖެހުނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް