ސައުތް އިންޑިއާ އާއި ބޮލީވުޑްގައި މަޝްހޫރު ތަރި ޕްރަބާސް އާއި ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޯންގެ އެންގޭޖްމެންޓު ހަފްލާ ވަރަށް އަވަހަށް އޮންނާނެ ކަމަށް ރިޕޯތުތައް ބުނެފި އެވެ.
މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ދެމީހުންގެ ފުރަތަމަ ފިލްމު "އާދީޕުރުޝް"ގެ މަސައްކަތުގެ ތެރެއިންނެވެ. ފިލްމު ޝޫޓިންގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 12 ގައި އެވެ.
މި ދެތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ ތުންތުން މަތިން ދެކެވުނަސް ދެ ތަރިން އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިއެއް ނުވެ އެވެ. އެންމެ ފަހުން ކްރިތީ އާއި ޕްރަބާސް ރައްޓެހިވެގެން އުޅޭ ކަމުގެ ކަށަވަރު އިޝާރާތެއް ކުރީ މިދިޔަ ހަފްތާގައި ރިލީޒް ކުރި ކްރިތީގެ ފިލްމު "ބޭދިޔާ" ގައި އޭނާ އާއި އެކު ލީޑްރޯލުން ފެނިގެންދިޔަ ވަރުން ދަވަން އެވެ.
ވަރުން ބުނީ ކްރިތީގެ ނަން އޮތީ މުމްބާއީން ބޭރުގައި ހުރި އެކްޓަރެއްގެ ހިތުގައި ލިޔެވިފައި ކަމަށެވެ. އޭނާ ހުރީ ދީޕިކާ ޕަދުކޯން އާއި އެކު ފިލްމެއް ކުޅެއް ގޮސް ކަމަށް ބުންޏެވެ. އެއީ ޕްރަބާސްގެ ވާހަކަ އެވެ.
އެއާއެކު "އާދީޕުރުޝް" ގެ ޓީމުގައި މަސައްކަތް ކުރާ މީހަކު މީޑިއާގައި ބުނެފައިވަނީ އެ ދެމީހުން އުޅެނީ ވަރަށް އަވަހަށް އެންގޭޖްވާން ކަމަށެވެ. އެމީހާ ބުނީ ފިލްމުގެ ޝޫޓިން ސެޓުގައި އެންމެން ކުރިމަތީގައި ޕްރަބާސް ވަނީ ކްރިތީ ކައިރީ އިންނަން އަހާފައި ކަމަށާއި ކްރިތީ ވަގުތުން އާނއެކޭވެސް ބުނި ކަމަށެވެ.
އެކަމަކު އެންގޭޖްވާނެ ތާރީހެއް ނޭނގޭ ކަމަށާއި ދެ ފަރާތު އާއިލާވެސް ގުޅުމަށް ރުހުން ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް