ގްރޫޕްގެ އޭގެ ފަހު 2 މެޗު މިރޭ ރާއްޖެ ގަޑި ދަންވަރު 00:00 ގައި ކުޅޭނެއެވެ. އެއް ގަޑިއެއްގައި ކުޅޭ މި 2 މެޗުގައި ބައްދަލުކުރާނީ ވޭލްސް-އިންގްލެންޑް އަދި އިރާން-ޔޫއެސްއޭ އެވެ.
ތާރީޚް: 30 ނޮވެމްބަރ 2022
ގަޑި: 00:00
ސްޓޭޑިއަމް: އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް (ވޭލްސް – އިންގްލެންޑް)
ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް (އިރާން – ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ)
ގްރޫޕް: ބީ
ގްރޫޕް ބީ އަށް ނަޒަރެއް:
ގްރޫޕް ބީ ގެ އެއް ވަނައިގައި މި ވަގުތު އޮތީ އިންގްލެންޑެވެ. އެ ޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިރާންއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. 3 ވަނައިގައި އޮތް ޔޫއެސްއޭއަށް 2 ޕޮއިންޓް ލިބިފައިވާއިރު، ވޭލްސް ގްރޫޕްގެ އެންމެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކުގައެވެ.
ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟ ކޮން ގޮތަކުން؟
ގްރޫޕް ބީ ގެ އެންމެ ފުލުގައި އޮތް ވޭލްސްއަށް ވެސް އަދި ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މުޅިން ނުގެއްލެއެވެ. ވޭލްސް ކުރިޔަށް ދިއުމަށް އޮތް ހަމައެކަނި މަގަކީ މެޗުން މޮޅުވެ، ދެން އޮތް މެޗުން ނުކުންނަ ނަތީޖާއަކަށް އިންތިޒާރު ކުރުމެވެ.
އިންގްލެންޑަށް މެޗުން ބަލި ނޫން ކޮންމެ ނަތީޖާއެއް ލިބުނަސް ދެ ވަނަ ބުރު ކަށަވަރުވާނެއެވެ. އިންގްލެންޑް ބަލިވެއްޖެ ހާލަތެއްގައި ވެސް، ދެ މެޗު ނިމުމުން، ފައިދާ ލަނޑުގެ ތަފާތު ނުކުންނަ ގޮތަކުން އިންގްލެންޑަށް ދެ ވަނަ ބުރުގެ ފުރުސަތު ލިބިދާނެއެވެ. އިންގްލެންޑް މި ވަގުތު އޮތީ ފައިދާ 4 ލަނޑާއެކުގައެވެ.
އިރާންއަށް ބަލާއިރު، އެ ޓީމުން ޔޫއެސްއޭ ބަލިކޮށްފިނަމަ، ދެން އޮތް މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އިރާނަށް ގަދަ 16 އިން ޖާގަ ކަށަވަރުވާނެއެވެ. އިރާން އާއި ޔޫއެސްއޭ ކުޅޭ މެޗު އެއްވަރުވެ، ވޭލްސް އަށް އިންގްލެންޑް ބަލިނުކުރެވިއްޖެނަމަ ވެސް އިރާން ދެ ވަނަ ބުރަށް ދާނެއެވެ. އިރާން-ޔޫއެސްއޭ މެޗު އެއްވަރުވެ، ވޭލްސް އިން އިންގްލެންޑް ބަލިކޮށްފިނަމަ، އެ ހާލަތުގައި ކުރި ލިބޭނީ ފައިދާ ގޯލު ގިނަ ބަޔަކަށެވެ. މި ވަގުތު ވޭލްސް އާއި އިރާން ވެސް އޮތީ ގެއްލުން 2 ގޯލާއެކުގައެވެ.
ޔޫއެސްއޭގެ ހާލަތު ވަރަށް ސާފެވެ. މޮޅުވެއްޖެނަމަ އެ ގައުމު ގަދަ 16 އަށް ކޮލިފައިވާނެއެވެ. ބަލި ވިޔަސް، އެއްވަރު ވިޔަސް، އެނބުރި ގައުމަށް ދާންވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް