119 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އެ މަސްތުވާތެތި އަތުލައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ. އެތަކެތި ހޯދީ މާލޭގެ މަގުމަތިން ޓެކްސީއެއް ހުއްޓުވައި، ޓެކްސީންނާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވާފައި ހުއްޓައެވެ.
މި މައްސަލައިގަ މުޖާހިދުގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ މައްސަލައިގަ މުޖާހިދުގެ އިތުރުން ހަމަ އެރަށު އަލީ ޒުބައިރާއި އަހުމަދު ސުނައިނުގެ މައްޗަށްޗެސް އެ ދައުވާ އުފުލި އެވެ.
އެ ތިން މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެވެ. މުޖާހިދު ދޫކޮށްލި މައްސަލައިގަ ކްރިމިނަލް ކޯޓުން މީޑިއާގައި ބުނީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ މުޖާހިދު ދޫކޮށްލީ ކަމަށެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
މުޖާހިދު ދޫކޮށްލީ މިމަހުގެ23 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް