އުރީދޫއިން އިންތިޒާމްކޮށްގެން ބާއްވާ "ފަން ރަން" ގެ ހޮސްޓް ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނީ ހުޅުމާލޭގައި ބާއްވާ މި ދުވުމުގެ ޕާޓްނަރަކަށް އެޗްޑީސީވުމުން ތާރީހީ ހަރަކާތަކަށް އެކަން ހެދުމަށް މަގިފަހިވެގެންދާނެ ކަމަށެވެ.
އެ ކުންފުނިން ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް އެ ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޓީޝާޓު ހަދިޔާކޮށްފައި އެވެ.
އުރީދޫގެ "ފަން ރަން" ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ23 ވަނަ ދުވަހު އެވެ. މި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުންނެވެ.
މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ. ދުވުމުގައި ރެޖިސްޓްރީވާ ފަރާތްތަކަށް ދުވުމަށް ހާއްސަ ކިޓު ގަނެވޭނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100 ރުފިޔާ އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200 ރުފިޔާގެ ފަން ކިޓެވެ.
"ފަން ރަން" ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
މި ދުވުން ކުރިން ބާއްވަން ހަމަޖައްސާފައި އޮތީ މިމަހުގެ25 ވަނަ ދުވަހު އެވެ. ތާރީހު ފަސްކުރީ ގިނަ ބަޔަކު ބައިވެރިވާން އެދެމުންދާތީ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް