އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތް ދޭއް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރާނީ އަވަހާރަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 96 އަހަރެވެ.
އެކަމަނާ މިއަހަރު ފެށުނީންސުރެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވުމާއި އާންމުންގެ ތެރެއަށް ވަޑައިގެންނެވުން ވަރަށް މަދުވި އެވެ. އެކަމާއި ސިއްހީ ހާލަތާއި ގުޅުން ހުރިކަމަށް ޝާހީ ގަނޑުވަރުން އޭރު ދިޔައީ އިންކާރުކޮށް ސިއްރު ކުރަމުންނެވެ.
ރާނީ އަވަހާރަވިތާ ދެ މަހެއްހާ ދުވަސް ވީފަހުން އެކަމަނާގެ އަވަހާރަވެފައިވާ ފިރިކަލުން ޕްރިންސް ފިލިޕްގެ އެކުވެރިއަކު ވަނީ ރާނީ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށްކަން ހާމަކޮށްފައި އެވެ. އެކަމަނާއަށް ޖެހުނީ ބޯން މެރޯ ކެންސަރު ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރާނީ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ އަހަރެއްހާ ދުވަސް ފަހުން ސިއްހީ ހާލުކޮޅު ވަރަށް ގޯސްވެގެންނެވެ. ރަނގަޅު ސިއްހީ ފަރުވާ ދެމުން ދިޔަ ނަމަވެސް އެކަމަނާގެ ބަލީގެ ސަބަބުން ވަރުބަލިވެ، ބަރުދަން ވަރަށް ބޮޑަށް ލުއިވެ ހާލަތު ގޮސްވީ ކަމަށެވެ.
އެކަމަކު ޝާހީ އާއިލާއިން ދިޔައީ އެކަން ސިއްރު ކުރަމުންނެވެ. އަދި ރާނީގެ މަރު ސެޓްފިކެޓުގައި މަރުވި ސަބަބަކަށްވެސް ޖަހާފައިވަނީ މުސްކުޅި ބަލީގައި މަރުވީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް