އިންޑިއާއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރާ ގައުމެވެ.
އެ ގައުމުގެ ރަސްމީ އިދާރާތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ކޮންމެ ދުވަހަކު 80 އަށްވުރެ ގިނަ މީހުން މަރާލައިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެ އެވެ. ރެޖިސްޓްރީ ނުކުރާ އެތައް މައްސަލައެއް ހުންނާނެތީ އެ އަދަދު ކޮންމެ ދުވަހަކު 100 އަށްވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މީހުން މެރުމުގައި މިފަހަކަށް އައިސް އާ ފެޝަނެއް ނުވަތަ ޓްރެންޑެއް ވަނީ އުފެދިފައި އެވެ. އެއީ މަރާލުމަށް ފަހު ކޮށައި، ކުދި ކުރުމެވެ.
އެފަދަ އެންމެ މަޝްހޫރު ކޭހަކަށްވީ އާފްތާބު އަމީން ޕޫނަމްވާލާ ކިޔާ މުސްލިމަކު އޭނާގެ ހިންދޫ ލޯބިވެރިޔާ ކަމަށްވާ ޝްރައްދާ ވަލްކާ މަރާލުމަށްފަހު ކޮށާލި މައްސަލަ އެވެ. މިދިޔަ މެއި މަހު މަރާލައި ކޮށާލައި އާފްތާބު ވަނީ، ޝްރައްދާގެ ހަށިގަނޑުގެ ބައިތައް ޑީފްރިޖްކޮށް ބަހައްޓައިގެން އުކާފައި އެވެ.
އޭގެ ހަ މަސް ފަހު މިމަހު ފަޅާ އެރި މި މައްސަލައިގަ ހުރިހާ ރުޅިއެއް އިންޑިއާގެ ހިންދޫ ދީނުގެ މީހުން ބޭލީ އިސްލާމްދީނާއި މުސްލިމުންނަށެވެ. އެއީ ދީނީ ކަންތައްގަނޑަކަށް ހަދައިގެން އުޅެނިކޮށް މިހާރު ދަނީ އެފަދަ ރަހުމް ކުޑަކޮށް އަމަލު ހިންދޫންގެ ތެރޭގައި ކޮށްފައިވާ ކޭސްތަކެއް ފަޅާ އަރަމުންނެވެ.
މިމަހު މެދު ތެރޭގައި ވަނީ އުއްތަރް ޕްރަދޭޝްގެ ސީތަޕޫރުގައި ޕަންކަޖް މައުރްޔާ ކިޔާ ފިރިހެނަކު އޭނާގެ އަނބިމީހާ މަރާލާފައި އެވެ. އެ މައްސަލަ ފަޅާ އެރިގޮތެއް ނޫސްތަކުގައި ހާމަކޮށްފައެއް ނުވެ އެވެ
އެމީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އަނބިމީހާ މަރާލީ މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާނުލައިގެން ކަމަށެވެ. އަދި ފަހުން އެހެން ފިރިހެނަކާއި ގުޅުން ބާއްވަން ފެށުމުން އައި ރުޅީގައި އެކުވެރިއެއްގެ އެހީގައި މަރާލައި ކޮށާލީ ކަމަށެވެ.
10 އަހަރު ވަންދެން އިނދެގެން އުޅުނު އަނބިމީހާ މަރާލައި، ކޮށާލީ އެއީ ކާކުގެ ހަށިގަނޑެއްކަން ނޭނގޭވަރު ކުރުމަށް ކަމަށް ބުނެފައިވެ އެވެ.
ހަމައެފަދަ ހާދިސާއެއް އޭގެ ފަހުންވެސް މިމަހު ތެރޭގައި ފެންމަތިވެފައިވެ އެވެ. އެ ހާދިސާގައި ވެރިރަށް ދިއްލީގައި ދެމައިންވެގެން މަރާލީ މަންމަގެ ފިރިމީހާ އެވެ.
އެ މައްސަލައިގަ ހައްޔަރު ކުރީ އަންހެން މީހާ އާއި އޭނާ ކުރީގެ ކައިވެންޏަށް ލިބިފައި ހުރި ފިރިހެން ދަރިފުޅެވެ.
އަންހެން މީހާ ބުނީ ފިރިމީހާ މަރާލީ އޭނާގެ ގަހަނާތަކެއް ނޭނގި ވިއްކާލުމަށް ފަހު އެ ފައިސާ ފިރިހެން މީހާގެ ކުރީގެ އަނބިމީހާއަށް ދީފައިވާތީ ކަމަށެވެ. ފިރިހެން ދަރިފުޅު ބުނީ މަންމައާއި ބައިވެރިވެގެން ދޮންބައްޕަ މަރާލީ އޭނާގެ އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށް، ގޯނާ ކުރާތީ ކަމަށެވެ.
އެ ފިރިހެން މީހާ މަރާލުމަށް ފަހު ދެމައިން ވަނީ އެމީހާގެ ހަށިގަނޑު ކޮށާލުމަށް ފަހު ގޭގައި ހުރި ފްރިޖަކަށް ލައި ރައްކާކޮށްފައި އެވެ.
މިފަދަ ހާދިސާތަކަށް މިހާރު ހިތްވަރު ލިބެނީ ފިލްމުތަކާއި ކްރައިމް ސީރީޒް ތަކުން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގޭ ކަމަށް އިންޑިއާ ފުލުހުން ބުނެފައިވެ އެވެ. މިފަދަ މައްސަލަތައް ހުއްޓުވައި ހައްލު ކުރުމަށް އިންޑިއާގައި މަސައްކަތް ކުރިޔަސް ހައްލު ނުލިބި ހާލަތު އިތުރަށް ގޯސްވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް