ރަސްމާދޫ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއަށް

ރ. ރަސްމާދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ...

29 Nov 2022 | 06:08

ރ. ރަސްމާދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގެ ދަށުން 157 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އަދި 283 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 2،500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެ އެވެ.

ރަސްމާދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 17.88 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.

އެމްޓީސީސީން ވަނީ ރަސްމާދޫ އުތުރު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އެ މަސައްކަތް ނިންމާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ނުވަސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަސްމާދޫއަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އަންނަ ރަށެކެވެ. އެގޮތުން ރަށުގެ އުތުރުފަރާތާއި ދެކުނުފަރާތުންވެސް ރަށް ގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއް ވަނީ ވެއްޓިފަ އެވެ.

އެމްޓީސީސީން ބުނީ، މި މަސައްކަތް ނިންމާލެވުމުން ރަސްމާދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެ ރަށުގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް