ވޯލްޑް ކަޕް 2022: ބްރޫނޯގެ ދެ ގޯލާއި އެކު އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގުރޫޕް އެޗްގައި ހިމެނޭ އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ. ޕޯޗުގަލްއިން ދެ...

29 Nov 2022 | 03:38

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގުރޫޕް އެޗްގައި ހިމެނޭ އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލްއިން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ އުރުގުއޭ 2-0 ނަތީޖާއިން ބަލިކޮށްގެންނެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނީ ޕޯޗުގަލް އިންނެވެ. އެގޮތުން އުރުގުއޭގެ ފަހަތައް ބާރު ބޮޑުކޮށް ގޯލަށް ނުރައްކާ ކުރަމުން ދިޔައީ ޕޯޗުގަލް އިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. މި މެޗުގައި ޕޯޗުގަލްގެ ދެލަނޑުވެސް އެޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގައެވެ.

ފަހު ހާފަށް ކުޅެން ނިކުމެ ވެސް ޕޯޗުގަލް އިން ރަނގަޅަށް ކުޅެމުން ދިޔައިރު، ޕޯޗުގަލް ގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 54 ވަނަ މިނެޓުގައެވެ. މި ލަނޑު ބުރޫނޯ ފެނާންޑޭސް ކާމިޔާބު ކޮށްދިން އިރު، މިއީ އުރުގުއޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލުގެ ކުރިމައްޗަށް ހުރަސްވެގެން ކަހަލަ ގޮތަކަށް ގޮސް ގޯލުގެ ތެރެއަށް ވަތް ބޯޅައެކެވެ. ބްރޫނޯގެ ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އުރުގުއޭގެ ކުޅުންތެެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެ ވީއޭއާރު ބެލުމަށް ފަހު ރެފްރީ ޕޯޗުގަލް އަށް ދިން ޕެނަލްޓީއެވެ.

މެޗުން މޮޅުވެ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު އެޓީމު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނާގައެވެ. ޕޯޗުގަލްއަކީ މުބާރާތުގެ ދެވަނަ ބުރު ޔަގީންކުރި ތިންވަނަ ޓީމެވެ. ދެވަނާގައި އޮތް ގާނާއަށް ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނާގައި އޮތް ސައުތު ކޮރެއާ އާއި ހަތަރުވަނާގައި އޮތް އުރުގުއޭއަށް ލިބެނީ އެއް ޕޮއިންޓެވެ. ސައުތު ކޮރެއާ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް