ބަޖެޓު 2027: ކޮންމެ އަތޮޅެއްގައި ޕިކްނިކް ރަށެއް، ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް

29 Oct 2026 | 13:01
ކުޑަގިރި -- ފޮޓޯ: އެޗްޑީސީ

ކުޑަގިރި -- ފޮޓޯ: އެޗްޑީސީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމާއި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމެނެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ޢާއިލާތަކާއި ރަޙްމަތްތެރިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރާނެ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އެކި ކަސްރަތުތަކާއި ކުޅިވަރުތަކުގައި ބައިވެރިވެ، ޢާއިލާއާއި ރަޙްމަތްތެރިންނާއެކު ހިތްފަސޭހަ ވަގުތުތައް ހޭދަކުރުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށް ހިންގުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

ޒުވާނުންނާއި ކުޑަކުދިން ކުޅިވަރަށް ލޯބިކުރުވައި، ރަށު ފެންވަރުގައި ކުޅިވަރު ހަރަކާތްތައް ފުޅާކޮށް، ކުޅުންތެރިން އުފެއްދުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޤްޞަދުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމާއި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރާނެއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭކަމެއް" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް