ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެމްޑީޕީ
ވެރިކަން ކުރާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ހޯމް ސްކޫލިން" ބިލާއި ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަރުކަށި ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ކުރައްވަމުން އެބަގެންދަވަ އެވެ.
ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވި އެ ބިލު މި ހަފްތާގައި ވަނީ މަޖިލީހަށް ހުށަހަޅާފައި އެވެ. ބިލުގައިވާ ގޮތުން ގޭގައި ކިޔަވައިދިނުމަށް ކުއްޖަކު ޝަރުތު ހަމަވާނީ ތިން ހާލަތެއްގައެވެ.
އެ ބިލަށް ފާޑު ވިދާޅުވެ ނަޝީދު އިއްޔެ އެކްސްގައި ވިދާޅުވީ ޖާޜިއާ ބިލާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. އެ ބިލުގެ އަމާޒަކީ އަންހެން ކުދިން ސްކޫލަށް ނުފޮނުވައި އެ ކުދިން ޖާރިއާއިންނަށް ހެދުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މި ބިލު ހުށަހަޅުއްވާފައިވަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށެވެ. މިއަދު ނަޝީދު ވަނީ މުޅި މޫނި ނިވާކޮށްގެން ހުރި މީހެއްގެ ފޮޓޯ އާއި އެކު ޖާރިރާ ބިލަށް ނޫނެކޭ ބުނުމަށް ގޮވާލާ ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕެއިން ކުރާ އުސޫލުންވެސް ޕޯސްޓެއް ކުރައްވާފައި އެވެ.
ނަޝީދުގެ ޕޯސްޓުތަކާއި ގުޅިގެން ހިޔާލު ފާޅު ކުރި މީހުން ބުނެފައިވަނީ ގައުމުގެ ކަންކަމާއި ރައްޔިތުންނާއި މެދު ނަޝީދު ނުވިސްނަވާ ކަމަށާއި ބޭނުންވަނީ ހަމައެކަނި އެމަނިކުފާނުގެ ހިޔާލާއި ފިކުރަށް އެންމެން ތަބާވާން ކަމަށެވެ. އެހެން މީހަކު ބުނީ ހޯމް ސްކޫލިންނާއި ދެކޮޅުވަނީ ކީއްވެތޯ އަހާލަން ބޭނުންވާ ކަމަށާއި އެކަމާއި ދެކޮޅުވާނަމަ މި ސަރުކާރުން ގައުމު ވިއްކަމުންދާއިރު އެކަމާއިވެސް ދެކޮޅު ހަދަން ޖެހޭ ކަމަށެވެ.
އެހެން މީހަކު ބުނީ އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލި އުސޫލެއްގައިވެސް ހާއްސަ ހާލަތްތަކުގައި ސްކޫލަށް ނުގޮސް ކިޔެވޭނެ އުސޫލެއް އޮތް ކަމަށެވެ.
އަނާރާ ހުށަހެޅުއްވި ހޯމް ސްކޫލިންއަށް ޝަރުތު ހަމަވާނީ ސްކޫލަށް ގޮސް ކިޔަވަން ނުކުޅެދޭ ފެންވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމާއި، އެފަދަ ނަފްސާނީ މައްސަލައެއް ހުރުމާއި، މި ދެ ސަބަބު ނޫން އެހެން ޚާއްޞަ ހާލަތެއް މެދުވެރިވުމެވެ. އަދި މި ޚިދުމަތަށް އެދެވޭނީ ރަސްމީ ތަޢުލީމީ ނިޒާމުގައި ރަޖިސްޓްރީވެފައިވާ ކުދިންނަށް އެކަނިއެވެ.
މީގެ އިތުރުން، މި ޚިދުމަތް ކުއްޖަކަށް ލިބޭނީ އެ ޚިދުމަތުގެ ޚަރަދު ކުރުމުގެ މާލީ ޤާބިލުކަން އެ ކުއްޖާގެ ބެލެނިވެރިންނަށް ހުރިނަމައެވެ.
ގޭގައިވެސް ކިޔަވަން ދަތިވާ ފަދަ މައްސަލަތައް ހުންނަ ކުދިންނަށް ރަސްމީ ތަޢުލީމު ދިނުން ލާޒިމުނުވާ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް