ސްމާޓް އައިޑީ ކާޑު ތަޢާރަފުކޮށް، ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރަނީ

29 Oct 2026 | 11:10
މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް

މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް

ސަރުކާރުގެ ޚިދުމަތްތައް ހޯދުން ފަސޭހަކޮށްދޭނެ "ސްމާޓް އައިޑީ ކާޑު" ތަޢާރަފުކުރުމާއި، ޤައުމުގެ ޑިޖިޓަލް ރައްކާތެރިކަމަށް "ނެޝަނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު" ޤާއިމުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަލުވިކޮށް، ކޮރަޕްޝަން ނައްތާލައި، ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ އިދާރާތަކުގެ ހިންގުން ދެފުށްފެންނަ ގޮތަށް ބަދަލުކުރުމަށް ފެށި "މޯލްޑިވްސް 2.0" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެއް ކަމަށެވެ. މި ތަޞައްވުރުގެ ދަށުން ވަކިވަކި ސެކްޓަރުތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަކަން ގެނެސްދޭނެ ޒަމާނީ "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ "ސްމާޓް އައިޑީ ކާޑު" އަންނަ އަހަރު ތަޢާރަފުކުރާނެ ކަމަށެވެ. ޤައުމުގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު ޤާއިމުކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީ ފެންވަރަށް ބެލެހެއްޓުމަށް، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޓްރެފިކް ބެލެހެއްޓުން ޑިޖިޓަލައިޒްކުރާ "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" ޤާއިމުކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ. ތޮއްޖެހުން ކުޑަކޮށް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު އުޅެވޭނެ ވެއްޓެއް ޤާއިމުކުރުމަށް، "ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން" އަންނަ އަހަރު ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް