ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށް، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލަނީ

29 Oct 2026 | 06:32
ނޭޝަން ޓޯކްސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ނޭޝަން ޓޯކްސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ރައީސް ވިދާޅުވީ މި ފިޔަވަޅަނީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، އަޅާ ފިޔަވަޅެއް ކަމަށާއި މީގެ ސަބަބުން ޚިދުމަތް ދިނުން ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ބޭނުންތަކަށްޓަކައި ބޭރަށްކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން، ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކޮށް، އަދި ޚަރަދުތައް ކުޑަކުރެވޭ އުސޫލަކުން ކަންކަން ކުރެއްވުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވީ ކަމަށާ، މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެކަމަށާ، މީގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ޙިއްޞާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވަގެން 4 މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫޢެއް ނޫންކަންވެސް ހާމަކުރައްވާފައެވެ. މި ބަދަލާއެކު، ސަރުކާރު ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ޚާއްޞަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތަކަށް ޚާއްޞަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ފޯރުކޮށްދެއްވުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް