ބާރުތަކަށް ނުފޫޒު ފޯރުވަން ނޫޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި އޭސީސީގެ ރައީސާއި ނައިބުރައީސްކަށް ނަންފުޅު ސީދާ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާގޮތް މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވާއިރު އެކަމާއި ގުޅިގެން އިދިކޮޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރެއްވިކަމެއް ނޫން ކަމަށާއި އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރައްވާނެކަމެއް ނޫންކަމަށެވެ.
އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް