ޕާކިސްތާނަށް ނިސްބަތްވާ އަންހެން ޑަކުޓަރަކަށް ރާއްޖެއިން ވަޒީފާ ހަމަޖައްސައިދޭނެކަމަށްބުނެ ރާއްޖެގެނެސް ބޮޑު ގެއްލުމެއް ދިންކަމަށް ބުނާ މައްސަލައެއް ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިކޭޝަން އޭޖެންސީ (ފިއާ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ޑރ. ފާތިމާ އަހަދު ނަމަކަށްކިޔާ އަންހެން ޑަކުޓަރެކެވެ.
އޭނާގެ އެ މައްސަލައިގާ ބުނެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ދެބެން ކަމުގައިވާ ޑރ. ބަދްރު މުނީރު އަވަން އާއި ބާބަރު ޝަހްޒާދުއާއި ދެމީހުން އެ އަންހެންމީހާގެ ގާތު، ރާއްޖޭގެ ބޮޑު ހޮސްޕިޓަލަކުން ޑަކުޓަރުކަމުގެ ވަޒީފާ ހޯދައިދޭނެކަމުގެ ޔަގީންކަން ދިނުމަށްފަހު 1900 ޑޮލަރު ފީއެއްގެ ގޮތުގައި ނަގާ އެ އަންހެން މީހާ ތިން މަސް ދުވަހުގެ ވަގުތީ ވިޒާގައި ރާއްޖެ ގެނައި ކަމަށެވެ.
އެ އަންހެން ޑަކުޓަރު ބުނެފައިވަނީ ރާއްޖެ ގެނައީ ތިން މަސް ދުވަހުގެ އެ ވިޒާ ދާއިމީ ވަޒީފާ ވިޒާއަށް ބަދަލުކޮށްދިނުމުގެ އިތުރުން ބޮޑު ހޮސްޕިޓަލަކުން ވަޒީފާ ދޭނެކަމަށް ބުނެ ކަމަށެވެ.
ނަމަވެސް ވަޒީފާވެސް ނުލިބި އަތުން އިތުރު ތިން ހާހެއްހާ ޑޮލަރު ރާއްޖޭގައި ހުރުމަށާއި އެހެނިހެން ކަންކަމަށް ހަރަދުވެ އަދި ރާއްޖެއިން ޑީޕޯޓްކޮށްލީ ރާއްޖޭގައި ބްލެކްލިސްޓްވެސް ކޮށްފައިކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ބޭރު އެއްވެސް ގައުމަކުން ޑަކުޓަރުކަމުގެ ވަޒީފާ ލިބުން މިހާރު އެ އަންހެން ޑަކުޓަރަށް މުސްތަހީލު ކަމަކަށްވެފައިވާކަމަށްވެސް އެ މައްސަލައިގާ ވެއެވެ.
މަކަރާއި ހީލަތުން އެ އަންހެން ޑަކުޓަރަށް އެ ހާލު ޖެއްސި ދެބެންގެ ތެރެއިން ޑރ. ބަދްރު މުނީރް އަވަން މަސައްކަތް ކުރަނީ ރާއްޖޭގައެވެ. ބާބަރު ޝަހްޒާދު ހުރީ ޕާކިސްތާނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް