ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ ކަމުގައިވާ އެމް.އާރް.އެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ފަރާތުން ބާއްވާ ޚާއްސަ ޖަލްސާއެއް އަންނަ ނޮވެމްބަރ މަހުގެ 2ވަނަ ދުވަހުގެ ރޭ 8:45ގައި ޝީ ބިލްޑިންގް ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޖަލްސާއަށް އެންމެންނަށް ވެސް ދައުވަތު ދީފައިވާ ކަމަށް އެމް.އާރް.އެމް އިން ބުނެފައިވެއެވެ.
ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ މަހުގެ 3ވަނަ ދުވަހެވެ.
މި ދުވަހަކީ 1988 އަހަރުގެ ނޮވެމްބަރ މަހުގެ 3ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއެކު ނުބައި ރޭވުންތަކެއް ރާވައި، ރާއްޖެ ހިފުމަށްޓަކައި ޝްރީ ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް އެރި ހިތާމަވެރި ހާދިސާގެ ހަނދާނުގައި ކޮންމެ އަހަރެއްގެ އެދުވަހު ފާހަގަ ކުރާ ދުވަހެކެވެ.
އެދުވަހު އެމީހުން ވަނީ 19 ދިވެއްސަކު ޝަހީދު ކޮށްލައިފައެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުންނެވެ.
ނަމަވެސް އިންޑިއާ ސިފައިންގެ ވެސް އެހީގައި ދިވެހީން އެދުވަހު ވަނީ ޓެރަރިސްޓުންގެ އަތްދަށުން އެދުވަހު ރާއްޖެ ސަލާމަތްކޮށް، ނަސްރު ހޯދައިފައެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ 3 އެއީ ނަސްރުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް