ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފި އެވެ.
ރަޝީދު މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އުމުރުން 43 އަހަރުގެ ރަޝީދު މަރުވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން އެ އަތޮޅު މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި އެވެ.
އޭނާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި އެވެ. ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ ހަށީގަނޑު އާއިލާ އާއި ހަވާލު ކުރަން ދަނީ ދެކޮޅު ހަދަމުންނެވެ.
މި މައްސަލައިގަ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގަ މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވާފައި އެވެ. އެ އަޑު އެހުމަށް ފަހު ކޯޓުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާއިލާގެ ގާނޫނީ ވަކީލުން ވިދާޅުވީ ރަޝީދުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަން އެނގުނީ ކޯޓު އަޑުއެހުމުގައި ދައުލަތުގެ ވަކީލުން އެކަން ކޯޓަށް އެންގުމުން ކަމަށެވެ.
އެކަން މިހާތަނަށްވެސް ފުލުހުން އައި އެންއައިސީވެސް އާއިލާއަށް އަންގާފައި ނުވާކަމަށް ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުންވަނީ ޖިނާއީ ބޮޑު އެހެން މައްސަލައަކާ ގުޅުވައިގެން ކަމަށެވެ. އެކަމަކު އެހެން މައްސަލައަކާ ގުޅުވައިގެން ޕޯސްޓްމޯޓަމް ނެހެދޭނެ ކަމަށާއި ވަކީލުން ވިދާޅުވި އެވެ.
މި މައްސަލައިގަ އެންއައިސީން ބުނީ ޕޯސްޓްމޯޓަމް ހަދަން ނިންމީ އިންސާފަށް ވާސިލްވުމަށް އޮތް މަގަކީ އެއީ ކަމަށްވާތީ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަނީ އިޖުރާތުތަކާއި އެއްގޮތަށް ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް