ދީނީ ދަރުސް ދެއްވުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މުފްތީ މެންކް ފުވައްމުލަކު ސިޓީގައި ދަރުސް ދެއްވަން ހަމަޖެހިފައިވަނީ މިރޭ 8:45 ގައި އެ ސިޓީގެ ހާފިޒު އަޙްމަދު ސްކޫލް ހޯލުގައެވެ.
މުފްތީ މެންކް މިރޭ ދަރުސް ދެއްވަނީ "އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން" މި މައުޟޫގެ މައްޗަށެވެ.
ރާއްޖޭގެ ހަތަރު ތަނެއްގައި ދަރުސް ދެއްވުމަށް މުފްތީ މެންކް ރާއްޖެ ވަޑައިގަތީ މިމަހުގެ 27ވަނަ ދުވަހުގައެވެ.
ރާއްޖެ ވަޑައިގަތުމަށްފަހު މުފްތީ މެންކް އިއްޔެ ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައި ޚުތުބާ ވިދާޅުވެދެއްވުމަށްފަހު ކާނިވާ ސަރަޙައްދުގައި ރޭ ދަރުހެއް ވެސް ދެއްވައިފައެވެ. އެ ދަރުހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަރުހުގެ މައުޟޫއަކީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" އެވެ.
ފުވައްމުލަކުގައި ދަރުސް ދެއްވުމަށްފަހު މުފްތީ މެންކް މާދަމާ ވަޑައިގަންނަވަނީ އައްޑޫ ސިޓީއަށެވެ. މާދަމާ ރޭ 8:45 ގައި އައްޑޫ ސިޓީ ސްކޮއަގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އުފެއްދުންތެރި މުސްލިމުން" މި މައުޟޫގެ މައްޗަށެވެ.
އެއަށްފަހު މިމަހުގެ 31 ވަނަ ދުވަހު އަނބުރާ މާލެ ވަޑައިގެން، އެރޭ 8:45 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މުފްތީ މެންކް ދަރުސް ދެއްވާނީ "އާއިލީ މައްސަލަތައް" މި މައުޟޫގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް