އާއިލާގެ މީހަކު ނުވަތަ ތިމާ ލޯބިވާ ތިމާގެ ގާތް މީހަކު ނިޔާވުމަކީ އެއްވެސް މީހަކަށް ކެތް ކުރެވޭނެވަރުގެ ކަމެއް ނޫނެވެ. އެއީ ތިމާއަށް މުޅި އުމުރަށް ލިބޭ ހިތް ދަތި ކަމެއްކަން ކަށަވަރެވެ. ޚާއްސަކޮށް އެމީހަކު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނުވަތަ އިހުމާލެއް އޮތް ކަމުގައިވާނަމަ، އެއީ އެމީހެއްގެ އާއިލާއަށް ދެވޭ ފޫނުބެއްދޭ ވަރުގެ ހިތްދަތި ކަމެކެވެ.
ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދުގެ އާއިލާ އަށް ވެސް މިވަނީ އެފަދަ ހިތްދަތިކަމާ މިހާރު ކުރިމަތިލާން ޖެހިފައެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 25 ވަނަ ދުވަހު ހޯނޑެއްދޫން ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ޢަބްދުﷲ ރަޝީދު ވަނީ އެދުމަހުގެ ހަވީރުގެ ވަގުތެއްގައި މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ. އޭނާ ނިޔާވުމުގައި ފުލުހުންގެ ބޮޑެތި އިހުމާލުވުންތަކެއްވާ ކަމަށް ތުހުމަތު ކުރެވިފައިވާތީ، އެމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހަވާލު ކޮށްފައެވެ.
ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުން ބޭނުން ވަނީ ޕޯސްޓްމޯޓަމް ހަދާށެވެ. އަދި އެކަން ކުރާނެ ކަމަށް އެންއައިސީ އިން ވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް މިއީ ޢަބްދުﷲ ރަޝީދުގެ އާއިލާއިން ބޭނުންވާ ގޮތެއް ނޫނެވެ. އާއިލާއިން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު "ކޮށާ ކުދި ކޮށް" އިތުރު ވޭނެއް އެ ހަށިގަނޑަށް ދޭން އާއިލާއިން ބޭނުމެއް ނުވެއެވެ. ގަލޮޅު މޯޗަރީގައި ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު އަދިވެސް ބާއްވާފައި އޮތް އިރު، އާއިލާއަށް އަދިވެސް ހަށިގަނޑު ނުދައްކާ ކަމަށް ނުހަނު ހިތްދަތިކަމާއެކު އެ އާއިލާއިން ބުނެފައިވެއެވެ.
"އަހަރުމެން މި ކިޔަނީ އެ މަސްގަނޑު ދެން އަހަރުމެންނާ ހަވާލުކޮށް ދޭށޭ. ދެން އިތުރު ކަމެއް ނުކުރިޔަސް ހެވޭ އިތުރު ކަމެއް ބޭނުމެއް ނޫނޭ. އެ މަސްގަނޑު ހިނަވާ ކަފުންކުރިޔަ ދޭށޭ" ލޮލުން ހިތާމައިގެ ކަރުނަ ފޫދޭހާލު ޢަބްދުﷲ ރަޝީދުގެ މަންމަ، މިދިޔަ ބުރާސްފަތި ދުވަހު އެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.
އާއިލާއިން އެދުވަހު ހަވީރު އެހެން ބުނި ކަމުގައި ވިޔަސް، އެންއައިސީން އެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިހާ ހިސާބުން އުފެދެނީ ބޮޑު ސުވާލެވެ. ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ތަކުރާރުކޮށް އިންކާރު ކުރަމުން ދާއިރު، އެންއައިސީއަށް އެކަން ކުރެވިދާނެތޯއެވެ. މިކަމާ ގުޅޭގޮތުން ކުރީގެ ބައެއް ލިޔުންތަކަށާއި މިހާރު ހަދާފައިވާ ޤަވާއިދަށް ވެސް ކުޑަކޮށް ނަޒަރު ހިންގައިލީމެވެ.
އެގޮތުން، އާއިލާއިން ހުއްދަ ދޭން ދެކޮޅު ހެދި ނަމަވެސް ޖިނާއީ ކުށަކާއި ގުޅިގެން ނުވަތަ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމެއް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހު ވަނީ ފާސްކޮށްފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުއެވެ.
އެފަދަ މަރަކާ ގުޅިގެން ޕޯސްޓު މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދޭން އެ ކޮމިޓީން ވަނީ ގާނޫނަށް މާއްދާއެއް އިތުރުކޮށްފައެވެ. އެމާއްދާގައި ބުނެފައިވަނީ ޕޯސްޓް މޯޓަމް ފުލުހުން ހަދަން ވާނީ މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
މީގެއިތުރުން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު ޝާއިއު ކޮށްފައިވާ ޤަވާއިދުން ވެސް ހާމަކޮށްފައިވަނީ، ޕޯސްޓްމޯޓަލް ހަދަން އާއިލާގެ ރުހުން މިހާރު ބޭނުން ނުވާ ކަމަށެވެ. އެގޮތުން ޤަވާއިދު ނަންބަރު 2022/R-89 ގައި މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލު ކުރާނެ އިޖުރާއަތުތަކުގެ ޤަވާއިދުތައް ހާމަކޮށްފައިވެއެވެ.
އެ ޤަވާއިދުގައި ބުނާ ގޮތުގައި އަންނަނިވި ބަވަތްތަކުގެ މަރުގެ މައްސަލަތަކުގައި މަރުވެފައިވާ މީހާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމުގެ އިހުތިޔާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވެއެވެ. އެއީ:
- އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ
- އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ
- ގަސްތުގައި މީހަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
- އިޙުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
- ގޮތް ނޭނގޭ މަރުގެ މައްސަލަ
- ޤުދުރަތީ ގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ މިފަދަ މަރުގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ފެސިލިޓީއަކުން ޕޯސްޓްމޯޓަމް ހެދުމަށްފަހު، އެ ހަށިގަނޑާ ގުޅޭގޮތުން ތަހުގީގުގެ ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ، ލަސްކުރުމެއް ނެތި އެފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލު ކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓްމޯޓަމް އެގްޒިމިނޭޝަން ހަދާ ފެސިލިޓީއަށް، ތަހުގީގު ކުރާ ފަރާތުން އަންގަން ޖެހޭނެ ކަމަށެވެ.
ކޮންމެހެނަކަސް، އަޅުގަނޑުމެން އެންމެންވެސް އެދެނީ ޢަބްދުﷲ ރަޝީދު ނިޔާވުމުގައި އެއްވެސް ގޯހެއް ނުވަތަ އިހުމާލެއް ވާނަމަ، ވީއެންމެ އަވަހަކަށް އޭނާއަށް އިންސާފު ލިބި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ޙައްޤު އަދަބު ވެސް ލިބުމެވެ. ހަމަމިއާއެކު އެ އާއިލާއަށް މިކަމުގައި އިތުރު ހިތްވަރު ލިބުމަށް ވެސް އެދެމެވެ.
މާތް ﷲ ޢަބްދުﷲ ރަޝީދުގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް ދެއްވާށި، އަދި މިފަދަ ހިތްދަތި ވަގުތެއްގައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް