ބާރްތީއާއި ޑްރަގާއި ހުރި ގުޅުން ސާބިތުކޮށްދޭން 200 ސަފްހާގެ ހެކި!

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހަރްޝް ލިމްބާޗިއާ އާއި ދެކޮޅަށް ދައުވާ ކުރަން މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންތައްޔާރުވާން ފަށައިފި އެވެ. އެ ދެމަފިރިންނ...

29 Oct 2022 | 08:17

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހަރްޝް ލިމްބާޗިއާ އާއި ދެކޮޅަށް ދައުވާ ކުރަން މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންތައްޔާރުވާން ފަށައިފި އެވެ.

އެ ދެމަފިރިންނާއި ދެކޮޅަށް ދައުވާ ކުރަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެވެ. 2020 ވަނަ އަހަރު ފެންމަތިވި އެ މައްސަލައިގަ އެންސީބީން ވަނީ ދެމަފިރިން މުމްބާއީގައި ދިރިއުޅޭ ގެ ބަލާ ފާސްކޮށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުއާނާ ހޯދާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ މައްސަލައިގަ މިހާރު އެންސީބީގެ ފުލުހުން ވަނީ ދެމަފިރިންނާއި ދެކޮޅަށް ކޯޓަށް ހުށަހެޅުމަށް ހޯދި ހެކިތައް އެއްކޮށް 200 ސަފްހާގެ މައުލޫމާތު އެކުލަވާލާފައި އެވެ. ދެން އޮތީ މައްސަލަ ކޯޓަށް ހުށަހެޅުން ކަމަށް ބުނެ އެވެ.

މީގެ ކުރިން ބާރްތީ އާއި ހަރްޝް ވަނީ ގަންޖާ ބޭނުން ކުރާ ކަމަށް އެއްބަސްވެފައި އެވެ. އެކަމަކު އެއީ ހިތްހަމަ ޖެހުމާއި ބޯހަމަޖެއްސުމަށް ވަކި ލިމިޓެއްގެ ތެރެއިން ބޭނުން ކުރާ ކުރުމެއް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގަ ހަރްޝް އާއި ދެކޮޅަށް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ އިތުރުން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމުގެ ދައުވާ އުފުލަން ހަމަޖެހިފައިވެ އެވެ. ބާރްތީ އާއި ދެކޮޅަށް އުފުލުމަށް ހަމަޖެހިފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ އެވެ.

މި މައްސަލައިގަ 2020 ވަނަ އަހަރު ދެމީހުން ހައްޔަރު ކުރީ އެ ގެއިން 86.50 ގްރާމްގެ މަރުޖުއާނާ ފެނިގެންނެވެ. އެމީހުން ބަންދުން ދޫކޮށްލީ ކަފާލާތުގެ ދަށުން ކޮންމެ މީހަކު 15،000 އިންޑިއަން ރުޕީސް ކޯޓަށް ދެއްކުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް