އިންޑިއާގެ ކެރެލާ ސްޓޭޓްގައި ދޫނި ރޯގާ ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
އެންމެ ބޮޑަށް ބަލި ފެތުރެމުންދަނީ ކެރެލާގެ އަލައްޕުޒާ ޑިސްޓްރިކްޓުގެ ފާމްތަކުގައި އެވެ. މިހާތަނަށް އެންމެ ބޮޑަށް ބަލި ފެތުރެމުންދާކަން އެނގިފައިވަނީ އަސްދޫނީގެ މެދުގައި އެވެ.
ކެރެލާ ސަރުކާރާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ސަރަހައްދުގެ އަވަށްތަކުން ފަސް ދުވަސް ތެރޭގައި 1،300 އަށްވުރެ ގިނަ އަސްދޫނި މަރުވެފައިވެ އެވެ. އަދި އިތުރު ދޫނިތަކާއި އެކު ބަލި ޖެހިގެން މަރުވި ތަފާތު ވައްތަރުގެ ދޫނިތަކުގެ އަދަދު ވަނީ 1،500 އަށް އަރާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަރުވި އަސްދޫނިތައް ޓެސްޓު ކުރުމުން އިންފްލުއެންޒާ އޭ ވައިރަސް (ބާޑް ފްލޫ) އަށް ޕޮސިޓިވްވެފައިވެ އެވެ.
އެހެންވެ އަލައްޕުޒާ ޑިސްޓްރިކްޓުގެ އެކި ފާމުތަކުން ބައްޔަށް ޝައްކު ކުރެވޭ 20،500 އަށްވުރެ ގިނަ އަސްދޫންޏާއި އެނޫން ތަފާތު ދޫނިތައް އެހެން ސަރަހައްދަކަށް ގެންދިއުމަށް ވަނީ ނިންމާފައި އެވެ.
ގިނަ އަދަދެއްގެ ދޫނިތަކެއް މަރުވުމާއި ގުޅިގެން އަލައްޕުޒާ ޑިސްޓްރިކްޓުގެ ކަލެކްޓަރު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި އަމިއްލަ އިސްނެގުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި އެވެ. އެގޮތުން ބައްޔަށް ޝައްކު ކުރެވޭ އަސްދޫންޏާއި އެހެން ބާވަތްތަކުގެ ދޫނިތައް ދެނެގަތުމަށް އަށް ޓީމު އެ ޑިސްޓްރިކްޓުތަކުގެ އެކި ފާމްތަކަށް ފޮނުވާފައިވެ އެވެ.
ފުލުހުން ދަނީ މި އޮޕަރޭޝަންގައި ކަންކަން ހިނގަމުންދާގޮތް ގާތުން ބަލަމުންނެވެ.
ދޫނިރޯގާ އާއި ގުޅިގެން އެ ޑިސްޓްރިކްޓުގައި އަސްދޫނި ވިއްކުމާއި އެއް ފާމުން އަނެއް ފާމަށް ބަދަލު ކުރުމާއި އެހެން ތަންތަނަށް ގެންދިއުން ވަނީ މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް