ރާއްޖޭގައި 47 ސީޕްލޭން އޮތް އިރު އިންޑިއާގައި އެންމެ ސީޕްލޭނެއްވެސް ނެތް: ގަދުރާރީ

ކުޑަކުޑަ ދިވެހިރާއްޖޭގައި 47 ސީޕްލޭން އޮތް އިރު އިންޑިއާގައި އެންމެ ސީޕްލޭނެއްވެސް ނެތްކަމުގައި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ނިތިން ގަދުކާރީ ވިދާޅުވެއްޖެ އެވެ. މިއީ ގަދުކާރީ އަލަށް ބުނެފައިވާ ވާހަކަ...

29 Oct 2017 | 10:52

ކުޑަކުޑަ ދިވެހިރާއްޖޭގައި 47 ސީޕްލޭން އޮތް އިރު އިންޑިއާގައި އެންމެ ސީޕްލޭނެއްވެސް ނެތްކަމުގައި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ނިތިން ގަދުކާރީ ވިދާޅުވެއްޖެ އެވެ.

މިއީ ގަދުކާރީ އަލަށް ބުނެފައިވާ ވާހަކައެއް ނޫނެވެ. މީގެ ހައެއްކަން މަސް ކުރިންވެސް ހަމަ މި މޭރުމުން ގަދުކާރީ ވާހަކަ ދައްކާފައި ވެ އެވެ.

ނަމަވެސް ހަމަ މި ވާހަކަ ގަދުކާރީ އަނެއްކާވެސް މިވަނީ ތަކުރާރު ކުރައްވާފަ އެވެ. އިންޑިއާގެ އެކޮނޮމިކް ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ގަދުކާރީ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާ އަޅާ ބަލާއިރު އިންޑިއާއަކީ އިންތިހާއަށް ތަރައްގީވެ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި އެހެން ނަމަވެސް ދިވެހިރާއްޖޭގައި 47 ސީޕްލޭން އޮތް އިރު އިންޑިއާގައި އެންމެ ސީޕްލޭނެއްވެސް ނެތް ކަމަށެވެ.

ގަދުކާރީ މިހެން ވިދާޅުވެފައިވާއިރު ޒަމާންތަކަކަށްފަހު އިންޑިއާގައި ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ވަނީ ދީފަ އެވެ. މިކަމަށްވެސް އެންމެ ބުރަކަށް މަސައްކަތްކުރި އެކަކީ ގަދުކާރީ ކަމުގައިވާއިރު އޭނާވަނީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސީޕްލޭންތައް އުދުއްސަން އިންޑިއާ އަކީ އެންމެ އެކަށީގެންވާ ގައުމެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި މުޅި ދުނިޔެއަށް މިކަމުގައި އިންޑިއާ އޮތީ ހުޅުވާލެވިފައި ކަމުގައިވެސް ގަދުކާރީ ވަނީ ބުނެފަ އެވެ.

މިކަމުގައި ގަދުކާރީ ބުނަނީ އިންޑިއާގެ ކޮންމެ އަވަށެއްގައިވެސް އެތައް ކޯރެއް ހިމެނޭއިރު ދަތުރުފަތުރުގެ ނިޒާމަށް މިއަށްވުރެ ވަކި މޮޅު ގޮތެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގައި ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައިވާއިރު އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އަދި އެންމެ ކުންފުންޏަކުންނެވެ. އެއީ އިންޑިއާގެ ސްޕައިސް ޖެޓުންނެވެ. މި ކަމަށް އެ ކުންފުނިން ވަނީ 100 ސީޕްލޭން ގަތުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ސީޕްލޭން މަރާމާތު ކުރާނެ ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް