މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެކަން ހާމަކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯ...

29 Oct 2017 | 09:52

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްއައި ޖަހާފައި ހުސްތަންކޮޅެއް ދޫކޮށްފައި ފުރިހަމަ ނަމާއި އުމުރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖަހާފައި 300 އަށް ފޮނުވުމުން އޮޑިޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އޮޑިޝަންގައި ބައިވެރިވުމަށް ހުޅުވާލި ނަމަވެސް އޮޑިޝަން ބާއްވާނެ ރަށްތައް އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

ތަފާތު ތަކަކާއެކު މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ލޯންޗު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ޝޯގެ ޖަޖުންނާއި ޕްރެޒެންޓަރުން އިއުލާނު ކޮށްފައި ވެ އެވެ.

އެގޮތުން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޖަޖުންނަނީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ، ފުރަތަމަ ސީޒަންގައި ޖަޖިން ޕެނަލުން ފެނުނު އަހްމަދު އިބްރާހިމް (އައްމަޑޭ)، މިދިޔަ ސީޒަންގައި ޖަޖުކަން ކުރި އިސްމާއިލް އައްފާން އަދި މުޅިން އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ.

ތިންވަން ސީޒަންގެ ޕްރެޒެންޓަރުންނަކީ މިދިޔަ ދެ ސީޒަންގައިވެސް އައިޑޮލް ހުށަހަޅައިދިން މޫސާ ވަސީމް އަދި މޯލްޑިވިއަން އައިޑަލް އަށް އައު މޫނެއް ކަމުގައިވާ ޝައިނާ ޝަރީފް އެވެ. ޝައިނާ އަކީ އާރްޖޭ އެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރެކެވެ. މިއުޒިކް ކޯޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރަތަމަ ސީޒަންގައި މިއުޒިކް ކޯޗުކަން ކޮށްދިން މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް