ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ފުލުހުންގެ އާއިލާތަކުގެ ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ހިންގި "ޕީއެފްއޭ ލިޓްލް ސްވިމަރސް" ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
މިރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރުންނާއި ލިޓްލް ސްވިމަރސް ޕްރޮގްރާމުގެ ބައިވެރިންނާއި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ. މިރަސްމިއްޔާތުގައި ވަނީ ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ލަވަ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މި ލަވަ އިފްތިތާޙްކޮށްދެއްވާފައިވަނީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތަށް އާޓިފިޝަލް ބީޗް އަދި ފަތާ ޓްރެކް ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 45 ކުއްޖަކު ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކަނޑައަޅާފައިވާ މިންގަނޑަށް 60 އިންސައްތަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ސްވިމިންގ އިންސްޓަރަކްޓަރުންނެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ލިޓްލް ސްވިމަރަސް ޕްރޮގްރާމަކީ ފުލުހުންގެ އާއިލާތަކުގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ގޮތުން ޕޮލިސް އެކަޑަމީ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ އެހީތެރިކަމާއެކު ހިންގި ޕްރޮގްރާމެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް