ގޮންޒާލޯ ހިގުއައިން އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑާއެކު ޔުވެންޓަސް އިން މިލާންގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރިހޯދައިފިއެވެ.
ހިގުއައިން 100 ވަނަ ލަނޑު ހަމަކުރީ ރޭގެ މެޗުގެ 23 ވަނަ މިނިޓުގައި މިލާން ކޮޅަށް ވައްދާލި ލަނޑާއެކުގައެވެ. ރޭގެ މެޗުގައި ހިގުއައިން ވަނީ 63 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ހިގުއިން އަކީ ފާއިތުވި 20 ސީޒަންގެ ތެރޭ ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން ތަފާތު ދެ ލީގެއްގައި ސަތޭކަ ލަނޑު ހަމަކުރި ދެވަނަ ކުޅުންތެރިޔާއެވެ.
ޔުވެންޓަސްގެ މި މޮޅާއެކު އެ ޓީމު ވަނީ، ތާވަލުގެ އެއް ވަނައިގައި 10 މެޗުން ހޯދި 28 ޕޮއިންޓާއެކު އޮތް ނަޕޯލީ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ނަޕޯލީ މިރޭ ރާއްޖެ ގަޑިން 19:00 ގައި ސައްސުއޯލޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަނެއްކާވެސް އެ ޓީމަށް ޔުވެންޓަސްގެ މައްޗަށް 3 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.
ރޭގެ ބައްޔާއެކު އޭސީ މިލާންގެ ކޯޗު މޮންޓެލާ އަށް މަގާމު ގެއްލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އޭސީ މިލާނުން މި ސީޒަން ބޮޑު ޚަރަދުކޮށް ގިނަ އަދަދެއްގެ ކުޅުންތެރިން ގެނައި ނަމަވެސް މިހާތަނަށް އިޓާލިއަން ލީގުގެ ގަދަ ބާރެއްގެ މައްޗަށް އެ ޓީމަށް މި ސީޒަނުގައި ކުރި ހޯދިފައެއް ނުވެއެވެ. އަނެއްކޮޅުން ވާދަވެރި ޔުވެންޓަސް އާ ދެކޮޅަށް ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އޭސީ މިލާނަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އަނެއް 9 މެޗުން ވީ ބައްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް